އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނައިގައި މިވަގުތު އޮތް ނޮޓިންހަމް ފޮރެސްޓުން، ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ބަލިކޮށްފިއެވެ.
ރޭ ރަށުން ބޭރުގައި ފޮރެސްޓުން ޓޮޓެންހަމް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ފޮރެސްޓަށް ވަނީ އަނެއްކާވެސް ޗެމްޕިއަންސް ލީގު ޖާގައެއްގެ އުންމީދު ބޮޑުވެފައެވެ.
އެންމެފަހުން ކުޅުނު ދެމެޗުން ބަލިވެފައި އޮވެގެން ރޭގެ މެޗަށް ފޮރެސްޓް ނުކުތީވެސް މޮޅެއް މުހިއްމު ވެފައި އޮވެގެންނެވެ. ރޭ ހޯދި ތިން ޕޮއިންޓާއެކު ފޮރެސްޓް ތިންވަނައިގައި އޮތީ 33 މެޗުން 60 ޕޮއިންޓާއެކުގައެވެ. ގަދަ ފަސް ޓީމަށް ވާދަވެރިކަން ބޮޑުވެފައިވާ އިރު، މިވަގުތު ހަތަރު ވަނައިގައި އޮތީ ނިއުކާސަލްއެވެ.
އެއީ 33 މެޗުން 59 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 33 މެޗުން 58 ޕޮއިންޓާއެކުގައެވެ. އޭގެ އިތުރުން ޗެލްސީ ހަވަނައިގައި 33 މެޗުން 57 ޕޮއިންޓާއެކު އޮތް އިރު، ހަތްވަނައިގައި އޮތް ވިލާއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ.
ރޭގެ މެޗުގެ ފަސްވަނަ މިނެޓުގައި ފޮރެސްޓުން ލީޑު ނެގިއެވެ. އެއީ ކޯނަރެއްގައި އެލިއޮޓް އެންޑަސަންއަށް ލިބުނު ބޯޅައެއްގައި އޭނާ ފޮނުވާލި ބާރު ހަމަލާ ކުޅުންތެރިއެއް ގައިގައި ޖެހި ގޯލަށް ވައްދާލުމުންނެވެ.
އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި ކްރިސް ވުޑް ވަނީ ފޮރެސްޓަށް ދެވަނަ ގޯލެއް ޖަހައިދީ އެޓީމުގެ ލީޑު ފުޅާވެސް ކޮށްދީފައެވެ. އެއީ އެންތަނީ އެލަންގާގެ ހުރަހަކުން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ، ޓޮޓެންހަމްއިން ކުޅުން ރަނގަޅުކުރި އިރު، މެޗު ނިމެން ދަނިކޮށް ރިޗާލިސަން ވަނީ ޓޮޓެންހަމްއަށް އުންމީދެއް ހޯދައިދީފައެވެ. އެހެން ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހޭނެ ގޮތެއް ނުވިއެވެ.
ޓޮޓެންހަމް މިވަގުތު އޮތީ 16 ވަނައިގައެވެ. އެއީ 33 މެޗުން 37 ޕޮއިންޓާއެކުގައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު