ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު އެގޮތަށް ވިދާޅުވީ މި އަހަރުގެ ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ސަރުކާރު ކުންފުނިތަކާ ހަވާލުކުރަމުންދާތީ އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކައް ގެއްލުންވާނެކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ވައުދުފުޅާ އެއްގޮތަށް މިފަދަ މަސައްކަތްތައް ކުރުން. މި މަސައްކަތް ކުރާއިރު، ޕްރައިވެޓް ސެކްޓާ ބާކީ ކުރާނެ ކަމަށް ބުނެ މީޑިޔާތަކުގައި ފެތުރޭ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކުރުމަކީ އެފަދަ މަޝްރޫއުތަކުގެ މަސައްކަތްކުރާ ޕްރައިވެޓް ކުންފުނިތައް ބާކީކުރުންކަމަށް ދެކިގެންނުވާނެ ކަމަށެވެ.

"އެއީ މާނަކުރަންޖެހޭ ގޮތެއް ނޫންކަން ނޭނގެ. ބާކީއެއް ނުކުރާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޕްރައިވެޓް ސެކްޓާގައި ހުރި އެފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އަދި އެހެން ބައެއް ޖަމިއްޔާތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

ސަރުކާރުން މިހާރުވެސް ދަނީ ކުދި ކުންފުނިތަކާ ބައްދަލުކޮށް، އެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.