ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ދެން ހުރި ތަންތަނުގައި ފޮޓޯ ނަގަން ކޯޓު އަމުރުގައި ހިމަނަނީ އާންމު އުސޫލުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީގެ އިސް އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއް ހިމެނޭ ގޮތަށް ހަށިގަނޑުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ކުރި އަމުރު ސޯޝަލް މީޑިއާގައި އާންމުވެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރަމާތަށް އުނިކަން އަންނަ ގޮތަށް އެ ދެ މީހުން ވާހަކަދެއްކި ކަމަށް ބުނާ މައްސަލައިގައި ފުލުހުން މިހާރު ހިންގަމުންގެންދާ ތަހުގީގާ ގުޅިގެންނެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މަންދީއާއި މާޒް ސަލީމުގެ މައްސަލަ ފުލުހަށް ހުށަހެޅީ ޗިލްޑްރެސް އޮމްބަޑްސްޕާސަންގެ އޮފީހުން ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގަށް ބޭނުންވާ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއްކަމަށް ފުލުހުން ބުންޏެވެ.
"ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްތަކުގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޯޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށެވެ..،" ފުލުހުން ބުންޏެވެ.
އާންމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބެލުމުގެ ގޮތުން ކޮމްޕެރިޝަން ހެދުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.
ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ބޭނުންވާނަމަ އަދި އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ އެފަދަ ސާމްޕަލެއް ނެގޭނީ އެ މީހެއްގެ ރުހުން އޮވެގެން ކަމަށް ފުލުހުން ބުންޏެވެ.
ރުހުން ނުދޭނަމަ ކޯޓު އަމުރެއްގެ ދަށުން އެފަދަ ސާމްޕަލް ނެގުމުގެ ބާރު ލިބިގެންވާ ކަމަށް ފުލުހުން ބުންޏެވެ. ފޮޓޯއާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްތަކުގެ ގޮތުގައިކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޢާންމު މީހުންގެ ސްލިޕްގައި ތިޔަ ބުނާގޮތަށް ލިޔުނީމާ އެއްވެސް މީހަކަށް ނުފެންނަނީ ކީއްވެ؟ ނޫސްތަކުގެ ފަލަ ސުރުހީއަށް ނާރަނީ ސިޔާސީ މީހުންނަށް ނުވާތީތަ؟
ކިޔުންތެރިޔާ - 1 އަހަރު ކުރިން