މުޒާހަރާ ކުރުމަކީ މިހާތަނަށް އެމެރިކާގައި އެހާ އާއްމުކަމެއް ނޫނެވެ. އެމެރިކާ މީހުންގެ ނަޒަރުގައި މުޒާހަރާ ކުރުމަކީ ތިންވަނަ ދުނިޔޭގެ ސިފައެކެވެ. ވެރިން ދޯދިޔާވުމާއި ކަންކަން ބޮއްސުންލުމާއި ވެރިންނާއި ރައްޔިތުން ނުގުޅުމުގެ ކަންކަމަކީ އެމެރިކާއަށް ބީރައްޓެހި ކަންކަމެވެ. އެކަމަކު މިހާރު މި ވިސްނުން އެކޮޅުކޮޅުން ޖެހިއްޖެއެވެ. ރައީސް ޓްރަމްޕުގެ ސަބަބުންނެވެ. އެމެރިކާގައި މުޒާހަރާކުރުން މިހާރު އާއްމުވެއްޖެއެވެ. މިހަފުތާގެ ހޮނިހިރު ދުވަހުވެސް އެމެރިކާގެ އެކިކަންކޮޅުތަކުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަރުކާރާ ދެކޮޅަށް އެތައް ލައްކަ ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. މިއީ ރައީސް ޓްރަމްޕުގެ ވިޔާނުދާ ސިޔާސަތުތަކާމެދު ހިތްހަމަނުޖެހިގެން ރައްޔިތުން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. މި ސިލްސިލާއަށް ދީފައިވާ ނަމަކީ ފިފްޓީ ފިފްޓީ ވަން އެވެ. މާނަޔަކީ ފަންސާސް މުޒާހަރާއެވެ. ފަންސާސް ސްޓޭޓްގައެވެ. އެއް ހަރަކާތެކެވެ.

މި ސިލްސިލާ ކުރިއަށް މިގެންދަނީ އެމެރިކާ މިނިވަންކުރުމުގެ ހަރަކާތް ނުވަތަ މިނިވަންކަމުގެ ހަގުރާމަ ފެށުނުތާ 250 އަހަރު ފުރުމާ ދިމާކޮށެވެ. އެމެރިކާގެ މިދެންނެވި އިންގިލާބީ ހަރަކާތް ފެށުނީ 19 އެޕްރީލް 1775 ގައެވެ. މުޒާހަރާތައް ހިގަމުންދަނީ އެކިއެކި ސިޓީތަކުގެ ބޮޑެތި މައިދާންތަކުގައެވެ. ވެރިރަށް ވޮޝިންޓަނުގައި ހުންނަ ރިޔާސީ ކިއްލާ ފެންނަ ހިސާބުގައެވެ. ރައީސް ޓްރަމްޕުގެ އެންމެ މުހިންމު ބައިވެރިޔާ އަދި މަހުޖަނު އީލޮން މަސްކުގެ ވިޔަފާރި މަރުކަޒުތަކުގެ ކައިރީގައެވެ. ރައްޔިތުން އަޑުއުފުލަމުންދަނީ އިންސާފާއި ހަމަހަމަކަމަށް އެދިއެވެ. ޓްރަމްޕުގެ ދޯދިޔާ އަދި ނުރައްކާތެރި ސިޔާސަތުތައް ބަދަލުކުރުމަށް އެދިއެވެ. ރައްޔިތުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. މީހުން ހިފައި ހައްޔަރުކޮށް އެމެރިކާއިން ބޭރުކުރާ މައްސަލައެވެ. ބިރުދައްކާ މައްސަލައެވެ. ވިޔަފާރީގެ ޓެކްސް ބޮޑުކޮށް ދުނިޔޭގައި ވިޔަފާރީގެ ހަގުރާމައެއް ފެށި މައްސަލައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރުމެއްނެތި ހިތަށް އެރިތަނެއްގައި ހިތަށްއެރި ކަމެއް ކުރުމުގެ މައްސަލައެވެ. މިހެންގޮސް ތަފާތު އެތައް މައްސަލައެކެވެ.

ރައީސް ޓްރަމްޕު މިހާރު ހިމެނިފައިވަނީ އެމެރިކާގެ ތާރީޚުގައިވެސް ރައްޔިތުން އެންމެ އަވަހަށް ފޫހިކޮށްލި ރައީސްކަމުގައެވެ. ޓްރަމްޕަށް ވޯޓުދިން މީހުންގެ ތެރެއިންވެސް ގިނަބަޔަކު ތިބީ އެކަން އެގޮތަށް ކުރެވުނީތީ ދެރަވެފައެވެ. އެންމެފަހުގެ ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި ރައްޔިތުންގެ ތެރެއިން 55 އިންސައްތަ ތިބީ ޓްރަމްޕާމެދު ހިތްހަމަނުޖެހިފައެވެ. ފާއިތުވި 75 އަހަރުގެ ދިގު މާޒީއަށް ބަލާއިރު ރައީސެއްގެ ވެރިކަމުގެ ފުރަތަމަ ހަތަރުމަސް ދުވަހުގެ ތެރޭގައި މިވަރުގެ ބޮޑު ވެއްޓުމެއް ތަޖުރިބާކުރަން ޖެހުނު އެހެން ރައީސެއް ނެތެވެ. ވެރިކަމުގެ ފުރަތަމަ ހަތަރުމަހު އެމެރިކާގެ ރައީސުންގެ އެޕްރޫވަލް ރޭޓިން އާއްމު ގޮތެއްގައި އުޅެނީ ފަސްދޮޅަސް އިންސައްތައިގައެވެ. ކޮންމެއަކަސް މުޒާހަރާތައް ގިނަވެ ވަރުގަދަވަމުންދާއިރު މާގިނަ ހަމަނުޖެހުންތަކެއް އަދި ނުފެނެއެވެ. އެކަމަކު ޓްރަމްޕުގެ ސަޕޯޓަރުން މުޒާހަރާތަކުގެ ތެރެއަށްވަދެ ހަމަނުޖެހުންތަކަށް މަގުފަހިވާފަދަ ކަންކަންކުރާތީ ފެންނަ ވީޑިއޯތައް ދަނީ އާއްމުވަމުންނެވެ.

ކަންކަން ކުރުމަށް ޓްރަމްޕު ގެންގުޅޭ އުސޫލަކީ ބިރުދައްކައިގެން ގަދަކަން އިސްކުރުން ކަމަށްވާއިރު ޓްރަމްޕާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމުގެ ނިޔަތުގައި އޭނާގެ ސަޕޯޓަރުންވެސް އިސްކުރާކަމަށް ފެންނަނީ މިއުކުޅެވެ. އެހެންވީމާ ކުރިއަށްއޮތް ތަނުގައި ސީރިއަސް ހަމަނުޖެހުންތަކެއް ފެށުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މުޒާހަރާކުރާ ގިނަމީހުން ގެންގުޅޭ ބެނަރތަކާއި ބޯޑުތަކުގައި ލިޔެފައިހުރެއެވެ. ރަސްކަލަކު ބޭނުމެއް ނޫނެވެ. ރަސްކަލެއްގެ ބާރުތައް ހޯދައިގެން ރަސްކަލަކަށްވާން އުޅޭ މީހަކުވެސް ބޭނުމެއް ނޫނެވެ. މިއީ ހަމަސީދާ ޓްރަމްޕަށް އަމާޒުކޮށްފައި ބޭނުންކުރާ ޝިއާރުތަކެކެވެ. އެމެރިކާގެ މިނިވަންކަމުގެ ހަރަކާތް ފެށުނީވެސް ރަސްކަލަކަށް ނޫނެކޭ ބުނުމުގެ ތެރެއިން ކަމަށްވާތީ ރައީސް ޓްރަމްޕަށް ތާރީޚު ހަނދާންކޮށްދިނުމަކީވެސް މުޒާހަރާގެ ބައިވެރީންގެ މަގުސަދެކެވެ. އެމީހުން ބުނެއެވެ. ގައުމުގެ މިސްރާބު މިއޮތީ އޮޅުވާލައިފައެވެ. ގައުމު އުފެއްދުމުގެ މަގުސަދުވެސް މިއޮތީ ހަނދުމަނެތިކޮށްފައެވެ. އެހެންވީމާ އެކަންކަމުގެ މަތިން ހަނދާންކޮށް ގައުމު ހަމަމަގަށް އެޅުވުމަކީ މިހާރު ކޮންމެހެންވެސް ކުރާންޖެހިއްޖެ ކަމެކެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ވިހިވަނަ ދުވަހު ޓްރަމްޕު ވެރިކަމުގެ ހުވާކުރެއްވިއިރުވެސް އޭނާގެ އެޕްރޫވަލް ރޭޓިން އުޅެނީ އެވަރެޖަށްވުރެ މާބޮޑަށްވެސް ދަށުގައެވެ. ފަންސާސް އިންސައްތަޔަށްވެސް ނާރައެވެ. އެއަދަދު ވެއްޓިގެންގޮސް މިހާރު އުޅެނީ ތިރީހުގެ ތެރޭގައެވެ. އެވަރުންވެސް ހަގީގަތް ގަބޫލުކުރަން ޓްރަމްޕު ބޭނުންވާ ކަމަކަށް ނުފެނެއެވެ. އޭނާއަށް ހީވަނީ ރައްޔިތުން ތިބީ އުފަލުން ފޮޅިފައި ކަމަށެވެ. އެހެންވެގެންކަންވެސް ނޭގެއެވެ. މިހާރު އެބަވިދާޅުވެއެވެ. ގާނޫނީގޮތުން އޭނާއަށް ތިންވަނަ ދައުރެއް ލިބެން ނެތަސް ތިންވަނަ ދައުރެއްވެސް ބޭނުމެވެ. ވެރިކަމުން ވަކިވުމުގެ ނިޔަތެއް ނެތެވެ. ގާނޫނީގޮތުން އެކަމަށް ހުރި ހުރަސްތައް ނައްތައިލާނަމެވެ. އެއްވެސް ކަމަކީ މުސްތަހީލު ކަމެއް ނޫނެވެ. ކޮންމެއަކަސް އެމެރިކާގެ ކަންކޮޅުތަކުގައި މުޒާހަރާތައް ގިނަވެ ވަރުގަދަވަމުންދާއިރު ޓްރަމްޕުގެ ބަސްމަގުހުރީ މިދެންނެވި ގޮތަށެވެ.

މުޒާހަރާކުރާ މީހުންނަކީ ޓްރަމްޕުގެ ނަޒަރުގައި އެމެރިކާގެ ރައްޔިތުންނެއްވެސް ނޫނެވެ. ހިޖުރަވެރިންނެވެ. މެކްސިކޯ މީހުންނެވެ. އެއީ ގައުމުންވެސް ބޭރުކޮށްލަންޖެހޭ ބައެކެވެ. ރައީސް ޓްރަމްޕާ ދެކޮޅު މުޒާހަރާތައް އެންމެ ފުރަތަމަ ވައިގައިހިފާގޮތްވީ މި އެޕްރީލްމަހުގެ ކުރީކޮޅުއެވެ. އެމެރިކާގެ ފަންސާސް ސްޓޭޓުގެ ދޮޅުހާސް ތަނެއްގައި އެތައް މިލިއަން ބަޔަކު މިމަހުގެ ކުރީކޮޅު މުޒާހަރާކޮށްފައިވެއެވެ. އެމެރިކާގެ މުޅި ތާރީޚަށް ބަލާއިރުވެސް ރައްޔިތުން އެންމެ ރުޅިއަންނަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕު ވެފައިވާއިރު މިލިސްޓުގައި ދެން ހިމެނޭ ރައީސުންނަކީ ކޮބައިކަންވެސް ބަލައިލުން މުހިއްމެވެ. ޒަކާރީ ޓޭލަރ، ހާބަޓް ހޫވަރ އަކީ ތަންކޮޅެއް ކުރީގެ ބޭފުޅުންނެވެ. ފަހުގެ ތާރީޚުގައި މަގުބޫލުކަން އެންމެ ކުޑަ ރައިސުންގެ ތެރޭގައި ކުޑަ ބުޝްއާއި ބޮޑު ބުޝް އަދި ޖެރާލްޑް ފޯޑް ހިމެނެއެވެ. ރައީސް ޓްރަމްޕުގެ ދައުރުގެ ފަހުކޮޅަށްދާއިރު ގަބޫލުކުރެވެނީ މަގުބޫލުކަން ކުޑަވުމުގެ އައު ކިތަންމެ ރިކޯޑެއް އޭނާ ހާސިލްކުރާނޭ ކަމުގައެވެ.