އަސާސީ ބޭހުގެ 99 އިންތައްތަ އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބައެއް ބޭސްތަކަށް ކޮންޓްރޯލު އަގު ލެވިގެންދިޔައީމަ މާކެޓުގައި ބައެއް ބޭސްތައް މަދުވާން ދިމާވި ސަބަބަކަށް ވެދާނެ ކަމަށާއި ނަމަވެސް އެކަމަށް ވެސް މިހާރު މަޝްވަރާކޮށްގެން ހައްލު ހޯދާފައިވާ ކަމަށެވެ.
އެކަމުގެ އެންމެ މުހިންމު ހައްލެއްގެ ގޮތުން އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކުރުން ވަރަށް ބޮޑަށް ހަރުދަނާކޮށްފައިވާ ކަމަށާއި މިހާރު އެސްޓީއޯގެ ބޭސް ބަލަހައްޓާ ޑިޕާޓްމަންޓުން ބޭސް ސަޕްލައި އިތުރަށް ކޮށްދޭ ފަރާތްތަކާ ގުޅިގެން ލިސްޓުތައް ތަރުތީބުކޮށް ބަލައި، ބޭސް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އެސެންޝަލް މެޑިސިން ލިސްޓުގައި ގާތްގަނޑަކަށް މިއުޅެނީ 480 އެއްހާ ބޭސް. މިހާރު އަޅުގަނޑުމެން ކަށަވަރުކޮށްފިން މީގެ ގާތްގަނޑަކަށް 99 ޕަސަންޓު އެސްޓީއޯ ނިޒާމުގެ ތެރެއިން ރާއްޖެ އެތެރެކޮށްފިން. ދިވެހިރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި މިއުޅެނީ ގާތްގަނޑަކަށް 5000 އެއްހާ ބޭސް، އެއީ އެ ޖެނެރިކްގެ ތަފާތު ބްރޭންޑުތައް ހިމެނޭގޮތަށް. އަދި މިސާލަކަށް އެ ބޭހެއްގެ 50 މިލިގްރާމް، 70 މިލިގްރާމް، އެކި ޑޯޒޭޖްތައް ހިމެނޭގޮތަށް. ވަކިވަކި ޖެނެރިކްސްއަށް ދާއިރު ގާތްގަނޑަކަށް 1300 އެއްހާ ބޭސް މިއުޅެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެސްޓީއޯ ނިޒާމުގެ ތެރެއިން އެކަނި 1200 ބޭސް ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި އޭގެ ގިނަ ބޭސްތައް މިހާރު ހުރީ ރާއްޖެއަށް އެތެރެވެފައި ކަމަށެވެ. އަދި ދެން ހުރި ބާކީ ބޭސްތައް ރާއްޖެއަށް އެތެރެވުމުގެ މަގުމަތީގައި އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދަންނަވަން މިއުޅޭ އެއްޗަކީ މިކަން ހައްލުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެސްޓީއޯގެ ބޭސް ސަޕްލައި ހަރުދަނާކުރުން. އަނެއްކަމަކީ މީގެ ލޮޖިސްޓިކްސް އެފިޝަންޓް ކުރުން. އަނެއްކަމަކީ އެމްއެފްޑީއޭގެ ތެރެއިން ފަސޭހައިން ރަނގަޅު ގޮތުގައި ބޭސް ރަޖިސްޓަރީކުރެވޭނެ ނިޒާމު ހަރުދަނާކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ އެކަމަށް ބޭނުންވާ އިތުރު މުވައްޒަފުން ހޯދައި، އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކޮށް، އިތުރު ފެކްޓަރީތަކާ އެސްޓީއޯ ނިޒާމުގެ ތެރެއިން ގުޅި، އެ ބޭސްތައް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ބޭހުގެ ދަތިކަމަށް މިހާރު ހައްލު ލިބެމުންދާ ތަން ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ރިފްޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ