ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށްދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާނާއި އައްޝައިހް ށ. މިލަންދޫ، ނާޒް، ފަޒްލޫން މުހައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތައް ރިވިއުކޮށްދިނުމަށް އެދިފައިވާތީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ރިވިއުކޮށް ނިމުނީމާ މައްސަލަ ކުރިއަށް ގެންދިއުމާ މެެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދިފާއުން ބުނީ ދައުވާތައް ރިވިއުކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ ޕީޖީން އެކަމާ މެދު ގޮތެއް ނުނިންމަނީސް މައްސަލަ ކުރިއަށް ނުގެންދިއުމަށް ދިފާއުން ވަނީ އެދިފައެވެ.
އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ ނިޝާނާއި ފަޒްލޫނަށް ކުރާ ދައުވާތައް ރިވިއުކޮށްދިނުމަށް އެދި ޕީޖީއަށް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ މެދު އަދި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމުން، މައްސަލަ ކުރިއަށްގެންދިއުމާ މެދު އިއުތިރާޒު ނުކުރާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން އެގޮތަށް ވިދާޅުވުމުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ދައުލަތާ ކުރެއްވި ސުވާލުގައި ވިދާޅުވީ ކިހާ ދުވަހެއްގެ ތެރޭގައި ދައުވާތައް ރިވިއުކޮށް ނިމެނޭތޯއެވެ.
ޖަވާބުގައި ދައުލަތުން ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި ދައުވާތައް ރިވިއުކޮށް ނިމޭނެ ކަމަށާއި ނިންމި ގޮތެއް ކޯޓަށް އަންގާނެ ކަަމަށެވެ.
އެހެންވެ ގާޒީ މިއަދު ނިންމެވީ ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ހަފުތާއެއް ފަހުން ކަމަށެވެ. އަދި ޕީޖީން މައްސަލަ ރިވިއުކޮށް ނިމުމުން މައްސަލަ ކުރިއަށްގެންދާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ.
ނިޝާނާއި ފަޒްލޫންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފައިވަނީ 02 އޮކްޓޯބަރު 2022 ގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ދުވަހު ބުނެފައިވަނީ ފަޒްލޫނާއި ނިޝާންގެ މައްޗަށް އެ ދައުވާ އުފުލީ ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކާ ދެކޮޅަށް ގަލޮޅު ބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން، ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ކަމަށާއި އެ ދައުވާގެ އަދަބަކީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޓެރަރިޒަމް
ޓެރަރިޒަމް
ޓެރަރިޒަމް