ޖާހު އިންވެސްޓްމަންޓްގައި ނަމުގައި ހުޅުވާފައިވާ ހުރިހާ އެކައުންޓެއްގައިހުރި ފައިސާތައް ހިފަހައްޓަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުގެ ހުޅުމާލޭގެ ބްރާންޗުން ނެރުނު އެ އަމުރުގައި ބަޔާންކޮށްފައިވަނީ ބޭންކް އޮފް ސިލޯން (ބީއޯސީ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަބީބް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ދަ މޮރިޝަސް ކޮމާޝަން ބޭންކް އަދި ކޮމާޝަން ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)ގައި ޖާހުގެ ފައިސާއެއް ހުރިނަމަ އެ ފައިސާ ކޯޓު އަމުރާ އެއްގޮތަށް ހިފެހެއްޓުމަށް އަމުކުރާ ކަމަށެވެ.
އެއިން އެއްވެސް ބޭންކެއްގައި ޖާހްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި ފައިސާ ހުރިނަމަ، އެ އެކައުންޓެއްގެ ތަފުސީލާއި ފައިސާގެ އަދަދުގެ މައުލޫމާތު އަންނަ އަންގާރަ ދުވަހުގެ ކުރިން ކޯޓަށް އަންގަންވާނެކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރުނު ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ނެރުނު އަމުރެއްކަން އަމުރުގައި ބަޔާންކޮށްފައިނުވެއެވެ.
ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ "ދަ ގާޑަންސް" ޕްރޮޖެކްޓް ނުނިންމުމުން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބާތިލުކޮށްފައެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން "ދަ ގާޑަންސް" ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. އެ ޕްރޮޖެކްޓް ނިންމުމަށް އެ ކުންފުންޏަށް ދިނީ ދެ އަހަރެވެ.
ނަމަވެސް ދިން މުއްދަތުގައި ޕްރޮޖެކްޓް ނުނިމޭތީ, އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ ޕްރޮޖެކްޓް ނިންމާފައެއް ނުވެއެވެ.
އެހެންވެ އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވިއެވެ.
އެ ނޯޓިސްގައި ޖާހު އިންވެސްޓްމަންޓަށް އަންގާފައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ. ނޫން ނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނަގާނެ ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.
އެޗްޑީސީން މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓުން އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް އެ ދުވަހު އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އަދި އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ ހިއްސާކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނިން އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓުން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް