ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ)ގެ މެންބަރު ކަމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް މުޖުތާޒް އައްޔަންކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސީއެސްސީގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ކުރިފުޅުމަތީގައި މުޖުތާޒު ކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެއަށްފަހު ރައީސް ވަނީ މަގާމުގެ ލިޔުން މުޖުތާޒްއާ ހަވާލުކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުޖުތާޒަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު، އިއްވެވުމަށްފަހު އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.
މައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަނީ އެ މަގާމަށް މުޖުތާޒު އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށެވެ.
އެހެންވެ އެ މަގާމަށް މުޖުތާޒް އައްޔަންކުރަން މަޖިލީހުގެ މިިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެެރެއިން 71 މެންބަރުންގެ އިއްތިފާގުންނެވެ.
މުޖުތާޒަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރެވެ.
އަދި އޭނާއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މުޖްތާޒް ވަނީ ރައީސް އޮފީހުގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގެ އިތުރުންވެސް އެހެން ބައެއް އިސް މަގާމުތައް އަދާކުރައްވައިފައެވެ.
ސީއެސްސީއަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް މުޖުތާޒުގެ ނަން މަޖިލީހަށް ފޮނުއްވީ މީގެ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މާޗް މަހު، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭނާ އިސްތިއުފާދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފެށުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.
މުހައްމަދު އިޝާން
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން