ފެނަކަ ކޯޕަރޭޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރުކަމާއި ގާނޫނީ ވަކީލުކަމާއި ލީގަލް ޑިޕާޓްމަންޓްގެ ޑިރެކްޓަރުކަމާއި ގާނޫނީ ވަކީލުކަން ކުރެއްވި ފ. ފީއަލި/ އާބާދު އައްސޭރި، އަމްޖަދު އަހްމަދު ވަޒީފާ އިން ވަކިކުރި މައްސަލަ މަޑު ޖައްސާލުމަށާއި އޭނާ ވަކިކުރުމާއި ގުޅުންހުރި ލިޔުންތައް ހުށަހަޅަން ނުޖެހޭނެ ކަމަށް ކަނޑައަޅަން ފެނަކަ އިން އެދުނު އަމުރު ހައިކޯޓުން ނެރެއެއް ނުދިނެވެ.

ޖުލައި 2024ގެ ތެރޭގައި ފެނަކައިގެ ވަޒީފާ އިން އަމްޖަދު ވަކިކުރީ ފެނަކައިގެ އިންހައުސް ޕްރޮޖެކްޓްތަކެއް ހިންގި އިރ،ު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ. އޭނާ ވަޒީފާ އިން ވަކިކުރި ލިޔުމުގައި ވަނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ވަޒީފާ އިން ވަކިކުރީ ކަމަށެވެ.

ނަމަވެސް ވަޒީފާ އިން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އަމްޖަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެއާއެކު އެ މައްސަލައާ ގުޅޭ ގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް އޭނާއަށް ދިނުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދުނެވެ.

އަމްޖަދު ހޯދަން އެދުނު ލިޔުންތަކަކީ މުދަލާއި ހިދުމަތް ހޯދުމަށް އެދި ހުށަހެޅި ރިކުއެސްޓްތަކުގެ ތެރެއިން އޭނާ އެޕްރޫވް ކުރި ރިކުއެސްޓްތަކާއި މުދާތަކާއި މުދާ ހޯދޭ ރައްތައް އެނގޭ ގޮތަށް އެ ތަކެއްޗަށް ފެނަކައިން ހަދާފައިވާ ޕާޗޭސް އޯޑަރުތަކުގެ ސަމަރީ ރިޕޯޓެވެ.

އޭގެ އިތުރުން ޕްްރޮކިއުމަންޓް ޑިޕާޓްމަންޓުން އެ ރިކުއެސްޓްތައް އެޕްރޫވް ކުރި މުވައްޒަފުންގެ ނަމާއި ފައިނޭންސް ބަޖެޓް އެޕްރޫވް ކުރި މުވައްޒަފުންގެ ނަމާއި އެ މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމަށް އެޕްރޫވް ދިން ވެރިއެއްގެ ނަމާއި ފައިސާ ދޫކުރި ފަރާތްތަކުގެ ނަން އަދި އެ މުދަލާއި ހިދުމަތަށް ޑައިރެކްޓް ޕާޗޭސް ކޮމިޓީން އެޕްރޫވް ކުރި އެ ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އަދި އެ މައްސަލައާގުޅޭ ގިނަ ލިޔުންތަކެއް ދިނުމަށް ފެނަކައިގެ މައްޗަށް އަމުރު ކޮށްދިނުމަށް ވެސް އެދުނެވެ.

ފެނަކައިގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ ކޯޓު އަމުރުގެ މައްސަލައެވެ. ފެނަކަ އިން ހައިކޯޓުގައި އެދުނީ އެ މައްސަލައިގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ.

މީގެ އިތުރުން އެ ލިޔުންތައް އަމްޖަދަށް ފޯރުކޮށްދިނުމަށް ފެނަކައަށް އަމުރު ކުރުމުގެ ގާނޫނީ ހައިސިއްޔަތު ޓްރައިބިއުނަލަށް ނެތް ކަމަށް ކަނޑައަޅައި ދިނުމަށްވެސް ފެނަކައިން އެދިފައިވެއެވެ.

މި އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ފެނަކަ އިން އެދިފައިވާ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.