މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ މިއަދު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވުމާއެކު އިހުސާސް ކުރެވޭ ހޫނުމިން މަތިވަމުންދާ ކަމަށެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ ދުވަހުގެ މެންދުރުފަހު 3:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު މެންދުރު 1:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށެވެ.
އޭނާ ވިދާޅުވީ، ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެގޮތުން ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީ ގޮތުން ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް،" ފަހުމީ ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ