ސްރީ ލަންކާގެ ޓުއަރިޒަމް އާމްދަނީ ފުރަތަމަ ކުއާޓަރުގައި 1.12 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

ލަންކާގެ ޓުއަރިޒަމްގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާއިރު މިދިޔަ މަހު އެ ގައުމަށް ޓުއަރިޒަމުން 354 މިލިއަން އެމެރިކާ ޑޮލަރު ލިބުނު ކަމަށް ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހުގެ އާމްދަނީ 1.12 ބިލިއަނަށް އަރާފައިވާއިރު މިއީ 2024 ވަނަ އަހަރުގެ ފުރަތަަމަ ތިން މަހާ އަޅައިބަލާއިރު 9.4 އިންސައްތަ އިތުރުވުމެކެވެ.

ލަންކާގެ ޓުއަރިޒަމްގެ އާމްދަނީ މާޗު މަހު 354 މިލިއަން ޑޮލަރަށް އަރާފައިވާއިރު އެއީ މިދިޔަ އަހަރުގެ މާޗް މަހާ އަޅައި ބަލާއިރު، 16 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުވުމެކެވެ. މިދިޔަ މަހު 229،298 ފަތުރުވެރިން އެތެރެވެފައިވާކަމަށް އެ ގައުމުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.

ލަންކާގެ ފަތުރުވެރިކަމުގެ މި އަހަރުގެ އަމާޒުކަމަށް ހިފާފައިވާ 3 މިލިއަން ފަތުރުވެރިންގެ ޓާގެޓަށް ގެންދިއުމަށް އެގައުމުން ވަނީ ގިނަ ޕްރޮމޯޝަންތަކެއް ފަށައިފައެވެ.