އިއުލާން ކޮށްފައިވާ ޝަރުތަށް ނުފެތޭ މީހަކަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މަގާމެއް ދިން މައްސަލައެއްގައި އެ ޔުނިވާސިޓީގެ ކުރީގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ހުށަހަޅައިފިއެވެ.
އޭސީސީން ބުނީ، އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން 5 ނޮވެމްބަރު 2017 ގައި އިއުލާންކުރި ނަމަވެސް އެ މަގާމަށް ނެގީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވި މީހެއް ނޫން ކަަމަށެވެ.
އޭސީސީން ބުނީ، އެ މީހާއަށް ޕޮއިންޓު ދީފައިވަނީ، ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލާ ހިލާފަށް ކަމަށާއި، އެ ފަރާތަށް ގިނައިން ޕޮއިންޓު ދީ، އެ ފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓު މަތިކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މީހާގެ ތައުލީމީ ސެޓްފިކެޓްތައްވެސް ހުށަހަޅާފައިނުވާ ކަމަށް ބުންޏެވެ.
އޭސީސީން ބުނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ މީހާއަށް ވަޒީފާ ހޯދައިދީފައިވާތީ، އައިޔޫއެމްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި ތ. ތިމަރަފުށި، ނަރުގިސްވިލާ، އިބްރާހިމް ސަމީރާއި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގައި އެ ދުވަސްވަަރު އުޅުއްވި ބ. އޭދަފުށި، ގުލްބަކާގޭ، އަަލީ ރަޝީދުގެ މައްޗަށް ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން