މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭން ފެށުމުން މަސް ދޯނިތަކުން ފޭބި މީހުންވެސް އަލުން މިހާރު މަސްވެރިކަމަށް ނުކުމެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" މިއަދުގެ ޕޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 470 ވަރަކަށް މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ގަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުން އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށެވެ.
"ކުރީގަ މަސްވެރިކަމުން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު ޒުވާނުން ހާއްސަކޮށް އަނބުރާ ހިނގައްޖެ، އެބަދޭ މިހާރު މަސްވެރިކަމަށް. އެހެން މަސައްކަތްތައް ފަށާފަ އޮފީސްތަކަށް އާންމުކޮށް މި ހުންނަ ކަހަލަ ވަޒީފާތަކަށް ދާ ޒުވާނުން މިހާރު އަނބުރާ އެބަދޭ. އެއީ އަޅުގަނޑު ބޭނުންވި ގޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސް ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިން ތިބުމަކީވެސް އެ މަނިކުފާނު ބޭނުންފުޅުވާ ކަމެއް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މަސްވެރިންނަށް އެންމެ ބޮޑަށް ދިމާވާ ތެޔޮ ނުލިބުމުގެ ދަތި ކަމަށްވެސް ސަރުކާރުން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު އެސްޓީއޯއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު