ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސުވާލުތަކަކަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ޖަވާބު ނުދިން މައްސަލައިގައި އެ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.
މެންބަރު މުހައްމަދު އިބްރާހިމްގެ ފަރާތުން މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށެވެ.
އެ މައްސަލައިގައި ކޮމިޓީން ސުވާލުކުރުމުން ސިޓީއަކުން ދިން ޖަވާބުގައި ފުލުހުން ބުނެފައިވަނީ، ތަފާސް ހިސާބުތަކެއް ހޯދުމަށް މެންބަރު ފޮނުއްވި ސުވާލުތަކަށް ޖަވާބުދިން ލަސްވި ނަމަވެސް ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އިތުރަށް ސަމާލުކަންދީގެން މަސައްކަތް ކުރާނެ ކަމަށެވެ.
މި މައްސަލައަށް ގޮތެއް ނިންމުމަށް ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބަދަލުުގައި މައްސަލައިގައި ފުލުހުން ފޮނުވި ޖަވާބު އެ މެންބަރަށް ދެންނެވުމަށްފަހު، އެ ހިސާބުން މައްސަލަ ނިންމަވާލެއްވުމަށް ހުށަހެޅުއްވީ ޕީއެންސީގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. ތާއީދު ކުރެއްވީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގެވެ.
ނަމަވެސް މަޖިލީހުން ފޮނުވާ ސިޓީތަކުގެ ޖަވާބުދެއްވުމުގައި ލަސްވާ ސަބަބާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީ އަދި ފުލުހުންގެ ބޭފުޅުންނާ ބައްދަލުކޮށް މައްސަލަ ބަލަން އިދިކޮޅު އެމްޑީޕީގެ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ހުށަހަޅުއްވިއެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގް ވިދާޅުވީ، އެ މައްސަލައަކީ އެ ފަރާތްތަކުން ގާނޫނާއި ހިލާފުވެސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލައަކަށްވާތީ އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.
އަދި މައްސަލަ ނުބަލައިފިނަމަ، އެހެން މުއައްސަސާތަކުންވެސް މަޖިލީހުން ފޮނުވާ ކަންތައްތަކާމެދެ ކަންތައް ކުރާނީ އެގޮތަށް ކަމަށާއި މަޖިލީހުގެ އިމްތިޔާޒަަށް އަރައިގަތުމުގެ މައްސަލައަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުގައި ބަލަންޖެހޭ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި، ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ވިދާޅުވީ، ސަރުކާރުގެ އިދާރާތަކަށް ރައްޔިތުން ފޮނުވާ ސުވާލުތަކާއި މަޖިލީހުގެ މެންބަރުންގެ ހައިސިއްޔަތުން ފޮނުވާ ސުވާލުތަކަށް ޖަވާބު ނުދިނުން އާދައަކަށް ވެފައިވާ ކަމަށެވެ.
ވަޒީރުންނަށް މެންބަރުންގެ ސުވާލުގެ ނޯޓިސް ފޮނުވުމުން މުއްދަތު ހަމަވާއިރުވެސް ޖަވާބު ނުދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރުކަމަށްވާއިރު، ހިތުހުރި ގޮތަކަށް މަޖިލީހާ މެދު ކަންކަން ކުރުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށެވެ.
"ފަނޑިޔާރުގެއަކީވެސް ދައުލަތުގެ އެއްބާރު، ފަނޑިޔާރުގޭގެ ހުރުމަތް ކަނޑައިފިއްޔާ ވަގުތުން ފިޔަވަޅު އަޅާނެ، އެގޮތަށް މަޖިލީހުގެ އިމްތިޔާޒަށް އަރައި ގަތުމުންވެސް އަޅާނެ ފިޔަވަޅުތައް ގާނޫނުގައާއި މަޖިލިސް ގަވާއިދުގައި އެބަ އޮވޭ، އެހެންކަމުން އެ މައްސަލަ ބަލަންޖެހޭނެ،" އަޒާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން ފޮނުވާފައިވާ ސިޓީގައި އެ ސުވާލުތަކަށް ޖަވާބު ނުދެވުނު ކަމަށް އޮތް ސަބަބު ގަބޫލު ނުކުރެވޭ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ނެގި ވޯޓުގައި ފާސްވީ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބަދަލުުގައި މައްސަލައިގައި ފުލުހުން ފޮނުވި ޖަވާބު އެ މެންބަރަށް ދެންނެވުމަށްފަހު އެ ހިސާބުން މައްސަލަ ނިމަވާލެއްވުމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ