ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ބަޔާން މިޔުނިކާ އެއްވަރުކޮށް، އިންޓަ މިލާނުން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.
ސަން ސީރޯގައި ރޭ އިންޓައިން ބަޔާނާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އިންޓަ 2-1 އިން މޮޅުވެފައި އޮވެ ރޭގެ މެޗަށް ނުކުމެފައިވާ އިރު، ރޭގެ މެޗުގައި ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގައެވެ.
ރޭގެ މެޗު އަވަސް ޓެމްޕޯއެއްގައި ފަށާފައިވާ އިރު، އެހިސާބުންވެސް މެޗު ފޯރިގަދަވާނެ ކަން ޔަގީންވިއެވެ. ބަޔާނުން ކުރީކޮޅުގައި ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، އެޓީމަށް މަދުވީ ގޯލެކެވެ. އެހެން ނަމަވެސް ގޯލަށް ފުރުސަތު އުފައްދަން އިންޓައިން ދަތިކުރިއެވެ. ފުރަތަމަ ހާފުގައި އިންޓައިން ވަނީ ތަފާތު މޮޅަށް ޑިފެންސް ކޮށްފައެވެ.
ބަޔާނުން ކުޅެމުންދިޔަ އެޓޭކިން ފުޓުބޯޅައިގެ ފައިދާ އެޓީމުން ނެގީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ހެރީ ކޭން ޖެހި ގޯލުން ބަޔާން ވަނީ އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ.
އެ ގޯލަށް އިންޓައިން އަވަސް ޖަވާބެއްވެސް ދިނެވެ. މާކަސް ތުރާމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިތާ ކުޑަ އިރުކޮޅެއްވެސް ނުވަނީސް، ލައުޓާރޯ މާޓިނޭޒް ވަނީ އިންޓައަށް އެއްވަރު ކޮށްދީފައެވެ.
މާޓިނޭޒް ވަނީ އިންޓައިން އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ފަސް މެޗުގައިވެސް ގޯލު ޖަހައިފައެވެ.
އޭގެފަހުން އިންޓައިން ސެމީ ގާތްގަނޑަކަށް ޔަގީންކުރީ ބަޔާނަށް ކުރިން ކުޅުނު ޑިފެންޑަރު ބެންޖަމިން ޕަވާޑް ބޮލުން ޖެހި ގޯލާއެކުގައެވެ. އެހެން ނަމަވެސް ބަޔާނުން ދޫ ނުދީ ފަހުކޮޅާ ޖެހެންދެން ޕްރެޝަރު ކޮށްފައިވާ އިރު، އެރިކް ޑަޔާގެ ގޯލުން އުންމީދުވެސް ހޯދިއެވެ.
އެހެން ނަމަވެސް، އިތުރު ގޯލެއް ޖެހިޔަ ނުދީ އިންޓައިން ވަނީ ރަނގަޅު ފޯމެއްގައި ޑިފެންސް ކޮށްފައެވެ.
ޗެމްޕިއަންސް ލީގު ސެމީގައި އިންޓައިން ނުކުންނަން ޖެހޭނީ ބާސެލޯނާއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު