ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައިވެސް ރެއާލް މެޑްރިޑް ބަލިކޮށް، އާސެނަލް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބު، ރެއާލް ކައިރިން އާސެނަލް ދެ ލެގުން މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ކާމިޔާބީއަކީ އާސެނަލަށް ތާރީހީ ކާމިޔާބީއެކެވެ.
މިއީ އާސެނަލުން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ. އަދި މިއީ 2009 ވަނަ އަހަރަށްފަހު އެޓީމުން ޗެމްޕިއަންސް ލީގުގެ ސެމީއަކަށް ނުކުންނާނެ ފުރަތަމަ ފަހަރުވެސް މެއެވެ. އާސެނަލުން މިފަހަރު ޗެމްޕިއަންސް ލީގު ސެމީގައި ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް އާސެނަލް އޮތީ އަމިއްލަ ދަނޑުގައި ހޯދި 3-0 ގެ މޮޅާއެކު އުންމީދުގައެވެ. އެހެން ނަމަވެސް ފުރަތަމަ ލެގުގައި ބަލިވެފައި އޮވެ، ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގަކަށް ނުކުތް ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު ރެއާލުން އޮތީ ނަތީޖާ އަނބުރާލައިފައެވެ. އެހެންކަމުން ސަންތިއާގޯ ބާނަބޭއޫއަކީ ޖާދުވީ ދަނޑެކެވެ.
އެކަމަށް އާސެނަލުން ސަމާލުކަމެއް ނުދީ ރޭ ނަތީޖާ ނެރުނީ ތަފާތު ދައްކައިގެންނެވެ. ޖަޒުބާތީ އެތައް ސަޕޯޓަރުންނެއްގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި އާސެނަލަށް ޕެނަލްޓީއެއް ލިބި، ބުކަޔޯ ސަކާ އަތުން ނާކާމިޔާބުވި ނަމަވެސް އާސެނަލް ވަނީ ހިތްވަރު ކޮށްފައެވެ.
އޭގެފަހުން ފުރަތަމަ ހާފުގައި ރެއާލަށް ޕެނަލްޓީއެއް ދިން ނަމަވެސް، ގިނައިރުތަކެއް ވާންދެން ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. ވީއޭއާރް ބަލައި ރެފްރީ ނިންމީ ޑެކްލައިން ރައިސް އެމްބާޕޭއަށް ފައުލް ނުކުރާ ކަމަށެވެ.
ފުރަތަމަ ހާފުގައި އާސެނަލުން ނަތީޖާ ހިފަހައްޓާލައި، ދެވަނަ ހާފަށް ނުކުމެ ސަކާގެ ގޯލުން ލީޑު ނެގިއެވެ. އެއާއެކު ރެއާލަށް ސިހުން ގެނުވި ނަމަވެސް، އިރުކޮޅެއް ފަހުން ވިލިއަމް ސަލީބާއަށް ހެދުނު ގޯހަކުން ވިނީޝިއަސް ޖޫނިއާ މެޗު އެއްވަރުކުރިއެވެ.
ރެއާލް އުންމީދާއެކު އިތުރު ގޯލުތަކެއް ޖެހުމަށް ކުރި މަސައްކަތް ފަހު މިނެޓު ކޮޅާ ހަމައަށް ދިގުލައިގެން ދިޔަ އިރު، އެޓީމުގެ އުންމީދުތައް ފުނޑުފުނޑު ކޮށްލީ ގެބްރިއަލް މާޓިނެލީ ފަހުކޮޅުގައި ޖެހި ގޯލާއެކުގައެވެ.
މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު