އަމިއްލަ ފަރާތެއްގެ އެހީގައި ހުޅުމާލެ ފޭސް 2ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރަން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފު ޖަމީލެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތްކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ކަމަށާއި ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެ ފަރާތުން ކަމަށެވެ. އަދި އެ މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 18720.79 އަކަފޫޓުގެ ބިމެއްގައި ކަމަށް މިނިސްޓްރީން ބުންޞެވެ.

އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސްދުވަހެވެ.

މިނިސްޓްރީން ބުނީ މިސްކިތް ނިމޭ އިރު، ސޯލާއާއި އޭސީ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށާއި އެ މިސްކިތް އިމާރާތްކުރާނީ މިހާރު ހުޅުމާލޭގައި ހަދަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް ޑިޒައިންކޮށްފައިވާ ގޮތަށް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށެވެ.