ނ. ވެލިދޫގައި ޑައިލިސިސްގެ ހިދުމަތް ފަށައިފިއެވެ.

ވެލިދޫ ހެލްޓް ސެންޓަރުގެ އެސިސްޓަންޓް ޑިރެކްޓަރު ޔާމިން އަބްދުލް އަޒީޒް މިއަދު "ވަން" އަށް ވިދާޅުވީ އެ ސެންޓަރުގައި ޑައިލިސިސްގެ ހިދުމަތް ފެށީ އިއްޔެ ކަމަށެވެ. އަދި އިއްޔެ ދެ މީހަކަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވެލިދޫއަކީ ނ. އަތޮޅުގައި ޑައިލިސިސްގެ ހިދުމަތް ފެށި ދެވަނަ ރަށެވެ. ވެލިދޫ ޑައިލިސިސް ޔުނިޓުގައި މި ވަގުތު ހުރީ ތިން އެނދެވެ. އެއީ ހިދުމަތް ދޭން ދެ އެނދާއި އައިސޮލޭޝަނަށް އެއް އެނދެވެ.

ޔާމިން ވިދާޅުވި ގޮތުގައި އިތުރު އެނދެއް ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެ އެނދު ލިބުމުން ހެޕަޓައިޓިސް ބީ ހުންނަ ބަލި މީހުން ވަކިން އައިސޮލޭޓް ކޮށްގެން ޑައިލަސިސް ހިދުމަތް ދޭނެ ކަމަށް ވިދާޅުވި އެވެ.

"މި ވަގުތު ދެ މީހުންނަށް އެއް ފަހަރާ ދެ ޕޭޝަންޓުންނަށް ޑައިލަސިސް ހިދުމަތް ދެވޭނެ. ޑައިލަސިސްއާ އެއްކޮށް މި ވަގުތު އެތެރެހަށީގެ ހާއްސަ ޑޮކްޓަރުގެ ހިދުމަތްވެސް މަރުކަޒުން ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ، ވެލިދޫގައި މިވަގުތު ހަ މީހަކު ޑައިލަސިސްގެ ހިދުމަތް ހޯދަމުންގެންދާ ކަމަށެވެ. އަދި އެ ރަށުން ޑައިލިސިސް ހިދުމަތް ލިބެން ފެށުމުން އެ ހިދުމަތް ހޯދަން ރަށް ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރި ބައެއް އާއިލާތައްވެސް ރަށަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.