ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025 ގެ ގްރޫޕް ސްޓޭޖުގައި ރޭ ޗެމްޕިއަން އަފޭން، އެޓީމުގެ ތިންވަނަ މޮޅު ހޯދި އިރު، މާމެންދޫ ޔުނައިޓެޑާއި ކަންމަތި އެސްސީން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ލީޑް ވެޓެރަންސް ކަޕްގައި މިއަހަރު 11 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުޅެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި ބެސްޓް އެސްސީ، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު، ލާމު ބްލޫސް، ރަސްހިންނެ އެސްސީ، އަފޭން އަދި މާމެންދޫ ޔުނައިޓެޑް ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ސީއޭސީ ވެޓެރަންސް، ކިންގް، އެވާލީ އެސްސީ އަދި ކަންމަތި އެސްސީއެވެ.

އަފޭން މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކުރި އިރު، ރޭ ފަހަތުން އަރައި ބެސްޓް އެސްސީ ބަލިކުރީ 8-1 ގެ ނަތީޖާއަކުންނެވެ.

ބެސްޓުގެ އަބްދުﷲ ފަރީސް ފުރަތަމަ ގޯލު ޖަހައި ލީޑު ނެގި ނަމަވެސް، އަފޭން ވަނީ ފަހަތުން އަރައި ގިނަ ގޯލުތަކެއް ޖަހައިފައެވެ. އަބްދުﷲ މިދުހަތު ފަހުމީ ދެ ގޯލު ޖެހި އިރު، މުހައްމަދު ލިޔާހާއި އިބްރާހީމް އަސްވަދު (ގަބޭ) ވެސް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ.

އޭގެ އިތުރުން ދެން ގޯލު ޖެހީ އަލީ ރިސްވާން އަހުމަދެވެ. އަދި ބެސްޓްގެ ހަސަން ސޮލާހް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ފުރަތަމަ މެޗުން ބަލިވެފައި އޮތް މާމެންދޫ ޔުނައިޓެޑުން ރޭ ރަސްހިންނެ އެސްސީ ބަލިކުރީ 8-4 އިންނެވެ. މާމެންދޫ ޔުނައިޓެޑްގެ ޔޫސުފް މޫސާ ހަތަރު ގޯލު ޖެހި އިރު، އަހުމަދު ހަލީމާއި އަހުމަދު ޒާދު، މީގެން ކޮންމެ ކުޅުންތެރިޔަކު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

މާމެންދޫގެ ޔޫސުފް މޫސާ ބޯޅައާއެކު --- ފޮޓޯ/ އުސްމާން، ލީޑް

ރަސްހިންނެގެ އަބްދުﷲ އާދިލް ހެޓްރިކް ހެދި އިރު، އަނެއް ގޯލު ޖެހީ އަހުމަދު އުސާމެވެ.

ރޭގެ ފަހު މެޗުގައި ކަންމަތިން އެވާލީ އެސްސީ ކައިރިން 8-2 އިން މޮޅުވެ ދެވަނަ މޮޅެއް ހޯދި އިރު، ކަންމަތީގެ މުހައްމަދު ޝާއިރު ވަނީ ފަސް ގޯލު ޖަހައިފައެވެ. އަހުމަދު ހުސައިން މެޗުގައި ދެ ގޯލު ޖެހި އިރު، މައުރޫފް އަލީވެސް ވަނީ ގޯލެއް ޖަހައިފައެވެ.

އެވާލީ އެސްސީގެ ގޯލު ޖެހީ އަހުމަދު ނަދީމާއި އަލީ ޝިމާޒެވެ. ދަ ހޯކްސް ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ.

މިއަހަރު ލީޑް ވެޓެރަންސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.