ސިވިލް ސާވިސް ކޮމިޝަންގެ (ސީއެސްސީ)ގެ މެންބަރު ކަމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މުޖުތާޒަށް މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީފުޅު، އިއްވެވުމަށްފަހު އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިއެވެ.

މައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަނީ އެ މަގާމަށް މުޖުތާޒު އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ މަގާމަށް މުޖުތާޒް އައްޔަންކުރަން މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެެރެއިން 71 މެންބަރުންގެ އިއްތިފާގުންނެވެ.

މުޖުތާޒަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އަދާ ކުރެއްވިއެވެ.

ސީއެސްސީއަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށް މުޖުތާޒުގެ ނަން މަޖިލީހަށް ފޮނުއްވީ މީގެ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މާޗް މަހު، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފެށުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.