ދިރާގު މާލޭ އޯޕަން ސްވިމިން މުބާރާތް އަންނަ މަހުގެ 25ގައި ރަސްފަންނުގައި ބޭއްވުމަށް ނިންމައި، ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މާލޭ އޯޕަން ސްވިމިން މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ.

ދިރާގުން ބުނީ އެ މުބާރާތުގައި 350 އަށްވުރެ ގިނަ ފެތުންތެރިންގެ ހުނަރު ފެނިގެންދާނެ ކަމަށާއި އެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިންގ ކުރިއަރުވައި، އެ ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

އެ މުބާރާތާ ގުޅޭގޮތުން ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެފަދަ ގިނަ ފަރާތްތަކުން ބައިވެރިވާ ކުޅިވަރުގެ ހަރަކާތްތަކަށް އެއްބާރުލުންދީ، ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްކަންދޭ މުޖުތަމައުއެއް ބިނާކުރުން،" މިރްޝާން ވިދާޅުވިއެވެ.

ސްވިމް މޯލްޑިވްސްގެ ރައީސް، ހުސައިން ޝަމީމް ވިދާޅުވީ 2019 އަހަރުން ފެށިގެން އެ މުބާރާތް އެންމެ ފުރުތަމަ ތައާރަފުކުރި ހިސާބުން ފެށިގެން ދިރާގުން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަދި، ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ފެތުންތެރިންނަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދީ އަޅުގަނޑުމެން ބޭނުންވާ މިސްރާބަށް ވާސިލުވުމަށް ދިރާގުން ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރަން. މިކަމުގެ ސަބަބުން ރާއްޖޭގައި ފެތުން ކުރިއެރުމުގެ އިތުރުން އަޅުގަނޑުމެން ވަށައިގެންވާ ކަނޑު ރައްކާތެރިކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރެވިގެންދާނެ،" ޝަމީމް ވިދާޅުވިއެވެ.

އެ މުބާރާތުގައި ރަޖިސްޓަރީކުރަން ބޭނުންވާ ފެތުންތެރިންނަށް މިހާރު ވަނީ https://swimmaldives.org/male-open މެދުވެރިކޮށް ރަޖިސްޓަރީކުރުމަށް ހުޅުވައިލައިފައެވެ.

ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.