އުމުރުން 60 އަހަރުވުމުން ދޫކުރާ ހާއްސަ ލައިސަންސުން، ކުރީގެ ލައިސަންސް ބާތިލުނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު "އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު" އިސްލާހުކޮށް ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގައިވާ ގޮތުން ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް، ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ލައިސަންސެއް ދޫކުރެވިދާނެއެވެ. އެ ލައިސަންސަކ،ީ 60 އަހަރުންމަތީގެ ދިވެހި ރައްޔިތުންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ހާއްސަ ލައިސަންސެއް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
އެ ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ލައިސަންސް ލިބޭނީ ހަތަރު ގަޑިއިރުގެ ތަމްރީނެއް ފުރިހަމަކުރުމުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ލައިސަންސެއް ތައާރަފުކުރުމުގެ މަގުސަދަކީ، އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާނުލައި، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުގެ މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި އެ ލައިސަންސްގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން މަގުފަހިކޮށްދިނުން ކަމަށެވެ.
"މި އިސްލާހުގެ ދަށުން އުމުރުން 60 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރުމަށް ނިންމާފައިވާ ހުއްދައާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތެވެ..،" ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން އުމުރުން ދޮށީ މީހުންނަށް ދޫކުރާ އެ ލައިސަންސުގެ މުއްދަތަކީ 10 އަހަރެވެ. ލައިސަންސުގެ މުއްދަތު ހަމަވުމުން އާ ލައިސަންސް އަލެއް ނުކުރެވޭނެއެވެ.
އަދި އެ އުޅަނދުތައް ދުއްވޭނީ ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައި ކަމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭނީ ހަމައެކަނި ގަޑިއަކު 30 ކިލޯމީޓަރަށްވުރެ މަޑުން ދުއްވަން ހުއްދަކުރާ މަގުތަކުގައި އެކަނި ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ ބާރު ލިބިގެންވެއެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން