ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް، އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަން 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

އޭނާގެ ބިލުގައި ހުށަހަޅާފައިވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި "އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓްގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް)" ހިމަނަން އިމިގްރޭޝަން ގާނޫނުގެ އަށްވަަނަ މާއްދާގެ (ހ)ގެ ފަހަތަށް (7) ވަނަ ނަންބަރުގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީން އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ 10 ޖޫން 2024 ގައެވެ. އެއީ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ގޮތެއް ނުނިމި އެންމެ ގިނަ ދުވަސް ވަންދެން އޮތް މައްސަލައެވެ.

މި މައްސަލައަށް ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލުގައި ހުށަހަޅާގައިވާ އިސްލާހު ބަދަލުކުރަން އިމިގްރޭޝަނުން ހުށަހެޅިއެވެ. އެގޮތުން މީކާއީލްގެ ހުށަހެޅުން ބަދަލުކޮށް، އިމިގްރޭޝަނުން ގެންނަން ހުށަހެޅި އިސްލާހުގައި ވަނީ، ރާއްޖެ އެތެރެވުމުގެ ހުއްދައަށް އެދި އިޒްރޭލް ޕާސްޕޯޓް ހުށަހަޅާ މީހުން އެތެރެވުން މަނާކުރުމަށް ގާނޫނުގައި ހިމެނުމަށެވެ.

ސަބަބެއް ކަމަށް އިމިގްރޭޝަނުން ބުނެފައި ވަނީ، ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ފަރާތެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ ރާއްޖެ އެތެރެވުމަށްޓަކައި އެ ފަރާތަކުން އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓް ކަމަށް ވެފައި ރާއްޖެ އެތެރެވުމަށް އަންނަ އެއްވެސް ފަރާތަކީ ދެ ގައުމެއްގެ ރައްޔިތުކަން (ޑުވެލް ސިޓިޒަންޝިޕް) ލިބިފައިވާ ފަރާތެއްކަން އިމިގްރޭޝަންއަށް ކަށަވަރު ކުރެވެން ނޯންނާނެތީއެވެ.

މީކާއީލް ހުށަހަޅާފައިވާ އިސްލާހާ އެއްގޮތަށް އެކަން ތަންފީޒު ކުރެވޭނެ ކަމަށް ނުފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ބިލަށް ބަދަލު ގެންނަ މަގުސަދު އިމިގްރޭޝަންގެ އިހުތިސާސްގެ ތެރެއިން ހާސިލުކުރުމުގެ ބޭނުމަށްޓަކައި ބިދޭސީ ފަރާތަކީ ރާއްޖެ އެތެރެ ވުމުގެ ހުއްދަ ނެތް ފަރާތެއް ކަމަށް ކަނޑައެޅުމަށްޓަކައި ބިލަށް އިސްލާހު ހުށަހެޅީ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

ބިލް ހުށަހެޅުއްވި މީކާއިލްއާއި އިމިގްރޭޝަނުން ހުށަހެޅި އިސްލާހަށް ތާއީދުކުރުމުގެ ބަދަލުގައި ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ހުށަހެޅުއްވީ ގާނޫނުގެ އަށްވަނަ މާއްދާގެ (ނ)ގެ ފަހަތަށް (ރ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

މިކާއީލް ހުށަހެޅުއްވި ބިލުގައި އޮތް ގޮތް ބަދަލުކޮށް، އޭނާ ހުށަހެޅުއްވީ 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ. އެ ހުށަހެޅުމަށް ކޮމިޓީން އިއްޔެ ފާސްކުރީ އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ނިންމުމާމެދު މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި، އެ މައްސަލައަށް މަޖިލިސް ތަޅުމުގައި މިއަދު ކުރިއަަށް ގެންދިޔަ ބަހުސަށްފަހު، މިއަދުގެ ޖަލްސާގައި ތިއްބެވި 84 މެންބަރުންގެ ތެރެއިން ވޯޓު ދެއްވައި 83 މެންބަރުންގެ އިއްތިފާގުން، އެ ގާނޫނަށް ކޮމިޓީން ގެނައި އިސްލާހު ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކުރިއެވެ.