އިޒްރޭލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން އިސްލާހު ހުށަހެޅީ އެއީ ކުރަން ނުކެރޭނެ ކަމެއް ކަމަށް ވިސްނައިގެން ކަމަށް ބަލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަަށް އިސްލާހު ގެންނަނަށް 30 މެއި 2024 ގައި މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އޭނާގެ ބިލުގައި ހުށަހަޅާފައިވަނީ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުންގެ ގޮތުގައި "އިޒްރޭލް ޕާސްޕޯޓް ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރާއީލްގެ ޕާސްޕޯޓްގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ހިމެނޭ ގޮތަށް)" ހިމަނަން އިމިގްރޭޝަން ގާނޫނުގެ އަށްވަަނަ މާއްދާގެ (ހ)ގެ ފަހަތަށް (7) ވަނަ ނަންބަރުގެ ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.
ނަމަވެސް ކޮމިޓީ މަރުހަލާގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮކިޓީ (241 ކޮމިޓީ)ގެ އިއްޔެގެ ބައްދަލުވުމުގައި، މީކާއިލްގެ ހުށަހެޅުން ބަދަލު ކުރައްވައި، ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ހުށަހެޅުއްވީ 7 އޮކްޓޫބަރު 2023 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުމަކީ މަނާ ކަމެއް ކަމަށް ގާނޫނުގައި ހިމެނުމަށެވެ.
އެ ހުށަހެޅުން އެ ވަގުތު ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކުރި ނަމަވެސް އެގޮތަށް ގާނޫނަށް ބަދަލު ގެނައުމުން ޑުވެލް ޕާސްޕޯޓް ނުވަތަ އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.
މިގޮތަށް ކޮމިޓީން ފާސްކޮށް އެކަމަށް މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ހުށަހެޅި ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ބިލު އެގޮތަށް ބަދަލުކުރުމުގެ ފުރުސަތު، މީކާއީލްއަށް ވެސް އޮތް ކަމަށެވެ. ނަމަވެސް ބިލު އެގޮތަށް ބަދަލުނުކުރީ އިހުލާސްތެރިކަން ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެ ބިލަކީ ނަމަކަށް ހުށަހެޅުއްވި ބިލެއް ކަމަށާއި އެއީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނުކެރޭނެ ކަަމަށް ވިސްނައިގެން ހުށަހެޅުއްވި ބިލެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެ ބޭފުޅުން (އެމްޑީޕީން) ބޭނުން ގޮތަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެރުވުނު، އެހެން ނަމަވެސް އެ އިސްލާހު ހުށަހަޅާފައެއް ނުވޭ. އެހެންކަމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މި ބިލާ ދެކޮޅަށް ވާހަކަދެއްކުމުގެ ފުރުސަތެއް އެ ބޭފުޅުންނަކަށް ނެތް، އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅުން ހަމަ ނަމަކަށް ހުށަހެޅުއްވީ މިކަން ކުރަން ނުކެރޭނެ ކަމަށް، ނޫނީ މިކަމަކީ ނުކުރެވޭނެ ކަމެއް ކަމަށް ވިސްނައިގެން، އެހެންނަމަވެސް އަޅުގަނޑުމެން މި ސާބިތުކޮށްދިނީ އަޅުގަނޑުމެންގެ އިހުލާސްތެރިކަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކޮމިޓީން ބިލް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްގެން ދިޔައިރު، އިމިގްރޭޝަންގެ ލަފައެއް ލިބުނު ކަމަށެވެ.
"އެއީ ދެ ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް ވާނީ "ޑުވެލް ސިޓިޒަންސް" އިސްރާއީލްގެ ރައްޔިތެއް އެހެން ގައުމެއްގެ ޕާސްޕޯޓް ހިފައިގެން އައިއްސިއްޔާ އެކަން ބެލޭނެ ގޮތެއް ނޯންނާނެކަމުގެ ލަފާ، އެހެންކަމުން ދީނީ ސަބަބުތަަކައްޓަކައި އެކި ސަބަބުތަކައްޓަކައި އިޒްރޭލްގެ ރައްޔިތުންކަން ގަބޫލުކޮށްގެން ތިބޭ އެހެން ގައުމުތަކުގެ ޕާސްޕޯޓް ހިފައިގެން ތިބޭ މީހުންވެސް ރާއްޖެ އާދެވޭނެ ކަމަށް ރިއާޔަތްކޮށްފައިވާނެ،" ނާޒިމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް
އަހުމަދު ނާޒިމު، މަޖިލީހުގެ ނައިބު ރައީސް