ތުރުކީގައި ހެދި ރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އެ ރަސްމިއްޔާތުގައި ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމަތު ނޫރީ އެރްސޮއި، ރާއްޖެ އިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވިގެން ދިއުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި އެމްބަސީ އާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން ފުރުސަތު ލިބި، ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް އެހީ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

14 އެޕްރީލް 2025، ރާއްޖެއިން ތުރުކީގައި ގާއިމުކުރި އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ފޮރިން މިނިސްޓްރީ

ހަލީލު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުރުމުގެ ސަބަބުން އެ ގައުމަށް އެކިއެކި ބޭނުންތަކުގައި ދާ ދިވެހިންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ، ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް ފުރިހަމަ ކަމާއެކު ކުރެވޭނެ ކަމަށެވެ.