ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަށީގެންވާ ސިއްހީ ފަރުވާއާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އިދާރާތަކުން އިހުމާލުވަމުންދާ ކަމަށެވެ. އެހެންކަަމުން އެ ކަންތައްތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެ ކަންކަން ހައްލުކުރުމަށް އެ މައްސަލައިގައި އޭނާ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ނުކުޅެދޭ މީހުންނަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް އޮތް ނަމަވެސް އެކަމަށްވެސް އިހުމާލުވަމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީ ފީ ސަރުކާރުން ދެމުންނުދާތީ ކުދިންގެ އާއިލާތަކުގެ އަމިއްލަ ފައިސާ އިން ހަރަދުކުރަން ޖެހިފައިވާ ކަމަށާއި ތެރަޕީ ސެންޓަރުތަކުގައި ކިއު ދިގުވުމާއި ތެރަޕީގެ އަގު ބޮޑުވަމުންދިއުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިން، ފަރުވާ އިން މަހުރޫމުވަމުން ދިއުމާއި އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި ސިއްހީ އެކިއެކި އާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ލިބެމުން ނުދިއުންވެސް ފާހަގަކޮށްފައިވެއެވެ.

ކުޑޫ ވިދާޅުވީ، މި އިހުމާލުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅުމުގެ އާންމު ހާލަތު ދަށްވަމުންދާކަން ފާހަގަކޮށް، ސިއްހީ ގޮތުންނާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިއާދަނުކުރެވޭނެ ގެއްލުންތައް އެފަދަ ފަރާތްތަކާއި އެ ފަރާތްތައް ނިސްބަތްވާ އާއިލާތަކަށް ލިބެމުންދާ ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި، އެ ކަންތައްތަކުގައި އިހުމާލުވާ އިދާރާތަކުގެ މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތައް ނައްތައިލުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލައްވައިފައެވެ.