ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް، ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަކަށް ބޮޑުކުރަން ދެކޮޅަށް ހަދާ ކަމަށް، އުތުރުގެ އިތުރުން މެދުތެރޭ އެމެރިކާ ގައުމުތަކާއި ކެރިބިއަން ގައުމުތައް ހިމެނޭ ކޮންކަކަފްއިން ބުނެފިއެވެ.

މޮރޮކޯއާއި ޕޯޗުގަލް އަދި ސްޕެއިންގައި 2030 ވަނަ އަހަރު ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕްގައި 64 ޓީމު ވާދަކުރުން އެއީ ރަނގަޅު ވިސްނުމެއް ކަމަށް ދެކި، އެކަން ހުށަހެޅީ ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާ، ކޮންމެބޯލް އިންނެވެ.

ކޮންމެބޯލް ރައީސް އަލެހާންޑްރޯ ޑޮމިގޭޒް މިދިޔަ ހަފުތާގައި ހުށަހަޅުއްވާފައި ވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓީމުތައް އިތުރު ކުރުމަށެވެ. އެއީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް 48 ޓީމަށް، އަދަދު އިތުރު ކޮށްފައިވާތީއެވެ.

އެކަމަށް ފެޑަރޭޝަންތަކުގެ ތާއީދު ހޯދުމަށް ދެކުނު އެމެރިކާ ފެޑަރޭޝަނުން ފޮނުވި ނަމަވެސް، އެކަމަށް ޔޫއެފާ ރައީސް އެލެކްސެންޑާ ސެފެރިންނާއި އޭއެފްސީ ރައީސް ޝެއިހް ސަލްމާ ބިން އިބްރާހީމް އަލް ހަލީފާވެސް ވަނީ ސުވާލުތައް އުފައްދައިފައެވެ.

އޭގެ އިތުރުން ދެކުނު އެމެރިކާއާ އެންމެ ގާތުން އޮތް ކޮންކަކަފް ރައީސް ވިކްޓޯ މޮންޓަގްލިއާނީ ވިދާޅުވީ 48 ގައުމާއެކު ވޯލްޑް ކަޕެއް ނުފެނިގެން އުޅެނިކޮށް، 64 ޓީމަށް 2030 ގެ ވޯލްޑް ކަޕް ބޮޑުކުރުން އެއީ ވަރަށް ބޮޑަށް ރިސްކަކަށް ވާނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އެކަން ކޮށްފިނަމަ ހަމަނުޖެހުންތައް ފުޓުބޯޅައިގައި އުފެދޭނެ ކަމަށެވެ.