ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި ގއ. ދެއްވަދޫ/ ދޭލިޔާގެ، މުހައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ފާސްކޮށްފިއެވެ.

އޭނާއަށް މަޖިލީހުގެ ރުހުން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުވީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާއަށް ރައީސްގެ ސިޓީފުޅު އިއްވެވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުއްވިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޭނާ ހާޒިރުކޮށް ކުރި އިންޓަވިއުން 80 މާކްސްއަށްވުރެ މަތިން ޕޮއިންޓް ލިބުނެވެ. އެހެންކަމުން އޭނާއަށް މަޖިލީހުން ރުހުންދޭންޖެހޭ ކަމަށް ކޮމިޓީން ފާސްކޮށް އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރައްވާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް، އެ މަގާމުން މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ވަކިކުރެއްވުމާއި ގުޅިގެންނެވެ.

ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި އަނަސްއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމު މީގެ ކުރިން އަދާކުރައްވައިފައެވެ.