ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025 ގެ ގްރޫޕް ސްޓޭޖުގައި ރޭ ޗެމްޕިއަން އަފޭން، އެވާލީ އެސްސީ އަދި ލާމު ބްލޫސްއިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.

ލީޑް ވެޓެރަންސް ކަޕްގައި މިއަހަރު 11 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުޅެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި ބެސްޓް އެސްސީ، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު، ލާމު ބްލޫސް، ރަސްހިންނެ އެސްސީ، އަފޭން އަދި މާމެންދޫ ޔުނައިޓެޑް ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ސީއޭސީ ވެޓެރަންސް، ކިންގް، އެވާލީ އެސްސީ އަދި ކަންމަތި އެސްސީއެވެ.

ޗެމްޕިއަން އަފޭން މިއަހަރު މުބާރާތުގެ ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައި އޮވެގެން ރޭގެ މެޗަށް ނުކުމެ، އަފޭން ޓީމުން މާމެންދޫ ޔުނައިޓެޑް ބަލިކުރީ 10-0 ގެ ނަތީޖާއަކުންނެވެ.

އެމެޗުގެ ތަރިއަކީ މުހައްމަދު ލިޔާހެވެ. މިދިޔަ އަހަރު މުބާރާތުގެ ކިންގްގެ މަގާމު ހޯދި ލިޔާހް ވަނީ ހަ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މުހައްމަދު ފާސިރު (ފާއްޓެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އަދި އަލީ ރިސްވާން އަހުމަދު ގޯލުތައް ޖެހި އިރު، ރިސްވާން މެޗުގައި ދެ ގޯލު ޖެހިއެވެ.

އަފޭން ކުޅުނު މެޗުގެ ތެރެއިން މިދުހަތު ބޯޅައާއެކު މަސައްކަތް ކުރަނީ --- ފޮޓޯ/ ލީޑް

ރޭގެ ދެވަނަ މެޗުގައި ފުރަތަމަ ރޭ މޮޅުވެފައި އޮތް ލާމު ބްލޫސްއާއި ބެސްޓް އެސްސީ ވާދަކުރި މެޗު ލާމު ބްލޫސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އެމެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ޕޮލިހުން ވަނީ ހަވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ސައުދު އަހުމަދެވެ. އެ ގޯލަށްފަހު ބެެސްޓުން ކުޅުން ރަނގަޅުކޮށް، ހާފުގެ ފަހުކޮޅުގައި ދެ ގޯލު ޖަހައި އަނެއްކޮޅަށް ނަތީޖާ އަނބުރާލިއެވެ.

ބެސްޓްގެ ގޯލުތައް ޖެހީ ހުސައިން މޫސާއާއި އަބްދުﷲ ފަރީސެވެ.

ބެސްޓުން ކުރީގައި އޮވެ ދެވަނަ ހާފަށް ނުކުތް ނަމަވެސް، މުޖުތާޒު އަލީއާއި އާދަމް ވަޖީހު ޖެހި ގޯލުތަކުން ލާމު ބްލޫސްއިން ވަނީ ނަތީޖާ އަނބުރާލައި، މެޗު ކާމިޔާބު ކޮށްފައެވެ.

އެވާލީ އެސްސީން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ކުނަހަންދޫގެ ކިންގް ކައިރިން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އެވާލީ އެސްސީއާއި ކިންގް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ލީޑް، އުސްމާން

އެވާލީގެ ގޯލުތައް އަބްދުﷲ ފަޔާޒާއި އަލީ ޝިމާޒް އަދި ލިވާން އަނީސް އަލީ ޖެހި އިރު، ލިވާން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ. ކިންގްގެ އަނެއް ގޯލު ޖެހީ އަބްދުﷲ އަޖީތެވެ.

ދަ ހޯކްސް ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ. މިރޭ ފުރަތަމަ މެޗުގައި ގަމު ކައުންސިލް ރެކްރިއޭޝަން ކްލަބުން އަފޭންނާ ދެކޮޅަށް ނުކުންނަ އިރު، ސީއޭސީ ވެޓެރަންސްއިން ކަންމަތި ސްޕޯޓްސް ކްލަބާ ދެކޮޅަށްވެސް ނުކުންނާނެއެވެ. އަދި ފަހު މެޗުގައި މުންޑޫ ވެޓެރަންސް ނުކުންނާނީ ކިންގާ ދެކޮޅަށެވެ.