ރާއްޖޭގެ އެންމެ ބޮޑު ފަޅު ކަމަށްވާ ވ. ދިއްގަރު ފަޅު (އާންމުނަމުން ފޮއްތެޔޮ ފަޅު) އިން 400 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި ރިސޯޓް ތަރައްގީކުރުމަށް ކުއްޔަށް ދޭން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅި ދިނުމަށް އެދި ސިވިލް ކޯޓުގައި ކުރި ދައުވާ ބާތިލުކޮށްފިއެވެ.

މި ދައުވާއަކީ ވ. އަތޮޅު ކައުންސިލުން ދިވެހި ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އެކެވެ.

މި ދައުވާގައި އަތޮޅު ކައުންސިލުން ބުނެފައިވަނީ، އެތަން ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަމަލު ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުން އަތޮޅު ކައުންސިލްތަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް އަދާކުރުމަށް ގާނޫނުން ކަށަވަރު ކޮށްދީފައިވާ ޖާގަ ގެއްލިފައިވާ ގޮތަށް ކަމަށެވެ.

އެހެންކަމުން އެ ފަޅު ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ކްރޮސް ސަބްސިޑީ އުސޫލުން ފޮއްތެޔޮފަޅުން ރިސޯޓް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ކޮބައިކަން ސާފުކޮށްދީ، އެކަމުގައި ސަރުކާރުން ގެންގުޅޭ ވިސްނުން ހިއްސާކޮށް، ކައުންސިލާ މަޝްވަރާކުރަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ކައުންސިލުން ގޮތެއް ނުނިންމަނީސް އެތަން ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރުމާއި ތަރައްގީކުރުމާއި އެތަން ކުއްޔަށް ދޫކުރަން ކުރާ މަސައްކަތް ހުއްޓާލުމަށާއި އެކަމުގައި އަތޮޅު ކައުންސިލުން ނިންމާ ގޮތާ ހިލާފަށް ފޮއްތެޔޮ ފަޅު ތަރައްގީގެ އެއްވެސް މަޝްރޫއު އަކަށް ބޭނުން ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަަކަށް އަމުރުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައިވެއެވެ.

ނަމަވެސް މައްސަލަ ކައުންސިލުން ކޯޓަށް ހުށަހެޅީ އިހްތިލާފު އޮންނަ ބާވަތުގެ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ އެ ދައުވާ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ދައުލަތުން އިޖުރާއީ އިއުތިރާޒެއް ހުށަހެޅިއެވެ.

އޭގައިވަނީ އެ ދައުވާގައިވާ ގޮތުން ކޯޓުން ވަޒަން ކުރަންޖެހޭ އެންމެ އަސާސީ ކަންކަމަށް ބަލާއިރު އެއީ ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކަމަށެވެ.

އެހެންކަމުން އެ ދައުވާގެ އަސާސަކީ ޖުޑީޝަލް ރިވިއުގެ ދައުވާއެެއްގެ އަސާސްކަން އެނގެން އޮންނައިރު، އެފަދަ މައްސަލަތައް ހުށަހަޅަން ވަކި އިޖުރާއަތެއް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެއާ ހިލާފަށް ހުށަހަޅާފައިވާ ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ހުކުމްކުރެއްވި އެވެ.

އެހެންކަމުން އެ ދައުވާއަކީ އަތޮޅު ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި، އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.

ފޮއްތެޔޮ ފަޅު ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޭން އުޅޭކަމުގެ އަޑުތައް ފެތުރުނީ އެމްޑީޕީގެ ވެރިކަމުގައި 2023 ވަނަ އަހަރުއެވެ. އެކަމާއި ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވ. އަތޮޅުގައި ޓޫރިޒަމްގެ މެގަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާނެކަންވެސް އިއުލާން ކުރެއްވިއެވެ.