ނ. މަގޫދޫގައި ހިންގަން ނިންމާފައިވާ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ މަގޫދޫގައި ހަދަން ނިންމާފައިވާ އައުޓްޑޯ ޖިމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިކުޕްމަންޓްތައް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެ މަޝްރޫއުއަކީ އާންމުންގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި ރަށުގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރި ދިރިއުޅުމަށް ބާރުއެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

13 އެޕްރިލް 2025: ނ. މަގޫދޫގައި ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެއްޓުމަށްޓަަކައި ސައިޓު މޮބަލައިޒްކުރުން --- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސިން ބުނީ ރާއްޖޭގެ އެކި ރަށްތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބޭނުންވާ ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު ރައީސްގެ އިސްނެންގެވުމާއި އިރުޝާދުފުޅުގެ ދަށުން އެފަދަ މަޝްރޫއުތަކުގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާކުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއު ހަވާލުކުރި ދުވަހެއް، މަޝްރޫއުގެ އަގެއް އަދި މަސައްކަތް ނިންމަން ދީފައިވާ މުއްދަތެއް އެމްޓީސީސީއަކުން ހާމައެއް ނުކުރެއެވެ.