ގިނަ މީހުން އަލީ ރަޝީދު (އައްޔަ) ދަންނާނީ "ޓީޓީ އައްޔަ"ގެ ގޮތުގައެވެ. ރާއްޖޭގެ ޓޭބަލް ޓެނިސްގެ ހިދުމަތްތެރިޔާގެ ގޮތުގައެވެ. 2016 ވަނަ އަހަރުން ފެށިގެން ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އައްޔައަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކާމިޔާބު ދިގު ހަޔާތުގައި، އެ ކުންފުނީގެ އެންމެ މުހިންމު އެއް ހިއްސާދާރެވެ.
މިހާރު އެމްއޭސީއެލް ޓާމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އައްޔަ ފާހަގަކޮށްލެވެނީ މަސައްކަތުގައި އެންމެ ގިނަ ވަގުތު ހޭދަކުރާ އެއް މުވައްޒަފުގެ ގޮތުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިއްޔެ 59 އަހަރު ފުރިފައިވާ އިރު، އެއާޕޯޓުގައި އައްޔަ މަސައްކަތްކުރައްވާތާ 30 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
އައްޔަ ވަނީ 2019 ވަނަ އަހަރު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ހާއްސަ އެވޯޑު ވެސް ހާސިލުކުރައްވައިފައެވެ. އެއީ އެ އަހަރުގެ "ބެސްޓް ސްޓާފް" އެވޯޑެވެ. އައްޔަ ބަލަހައްޓަވާ އެއާޕޯޓްސް އޮޕަރޭޝަންސްގެ ތެރޭގައި އެތައް މަސައްކަތްތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ދަތުރުވެރީންނާ ގުޅޭ ގިނަ މަސައްކަތްތައް ހިމެނެއެވެ.
އެމްއޭސީއެލްގެ ވަޒީފާއަށް ޝައުގުވެރިކަން އުފުދުނު ގޮތް
ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް ޝައުގު ހުންނަ ވަރަށް ގިނަ ފަރާތްތަކަކުން ވެސް، ތައުލީމީ ހަޔާތް ނިންމުމަށްފަހު، އެމީހެއްގެ "ފަސްޓް ޗޮއިސް"އަކަށް އާންމުކޮށް ވަނީ އެމްއޭސީއެލްގެ ވަޒީފާއެވެ. އައްޔައަށް ވެސް މީގެ 30 އަހަރު ކުރިން އެމްއޭސީއެލްއަށް ޝައުގުވެރިކަން އުފެދުނީ އެފަދަ ގޮތަކަށެވެ.
"އަހަރެން މި އޮފީހުގައި އުޅޭތާ މިއަހަރަށް މިވީ 30 އަހަރު. އެހެންވީމާ ވަރަށް ގިނަ ދުވަސްވެއްޖެ. މިކަމަށް ޝައުގުވެރިވީ އަހަރެމެންގެ ސްކޫލު ދައުރުގައިވެސް، ކުޅިވަރު ތެރޭގައި އުޅޭތީ އަސްލު އޭރުވެސް ކުޅިވަރު ކުޅޭ އަހަރެމެންގެ ސީނިއާ ގިނަ މީހުން ވޯކް ކުރަނީ އެއާޕޯޓުގަ. އެހެންވީމާ އެގޮތުން އަސްލު އެއާޕޯޓަށް ޖޮއިންކުރަން އިންޓްރެސްޓް އައީ. އެއީ ކުޅިވަރު ކެރިއަރާ އެކުއެކީ ކުރިއަށްގެންދަން ވެގެން،" 'ވަން'އަށް ދެއްވި އެކްސްލޫސިވް އިންޓަވިއުއެއްގައި އައްޔަ ވިދާޅުވިއެވެ.
އައްޔަ ވެސް މީގެ 30 އަހަރު ކުރިން އެންމެ ފުރަތަމަ އެމްއޭސީއެލްއާ ގުޅުނީ އާދައިގެ މުވައްޒަފެއްގެ ގޮތުގައެވެ. ޓްރެއިނީ ރޭންކުން ފެށިގެން ކޮންމެ ތިން އަހަރަކުން ޕްރޮމޯޝަން ހޯދައި، ޖެނެރަލް މެނޭޖަރުގެ މަގާމާ ހަމައަށް އާދެވުނީ 25 އަހަރުގެ ބުރަ މަސައްކަތުން ކަމަށް އައްޔަ ފާހަގަކުރެއްވިއެވެ.
އައްޔަ ވިދާޅުވިގޮތުގައި އެންމެ ބޮޑު ކާމިޔާބަކީ މުވައްޒަފުންނާއި ސްޓޭކް ހޯލްޑަރުންނާ އޮތް ގާތް ގުޅުމެވެ. އަދި މަސައްކަތުގައި ވެސް ޓީމް ވޯކަކީ ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި އައްޔަ ފާހަގަކުރައްވައެވެ.
"ހަގީގަތުގައި އެންމެ ބޮޑު ކާމިޔާބަކީ، އެމްއޭސީއެލްގެ ވަރަށް ގިނަ ސްޓާފުން ބުނާނެ ޓާމިނަލްގައި އުޅޭ އަލީއާ ގުޅާލައިގެން ވަރަށް ގިނަ ކަންތައްތައް ހަމަޖެހޭނެއޭ. އެހެންވީމަ ވަރަށް ގާތް ގުޅުމެއް މި އޮންނަނީ ސްޓާފުންނާ. އޭގެ އިތުރުން ސްޓޭކް ހޯލްޑާސް ވެސް. އެއީ އެއާޕޯޓުގައި އުޅޭ ރިސޯޓު ރެޕުން، އިމިގްރޭޝަން، ކަސްޓަމްސް، އެމްއެންޑީއެފް، ޕޮލިސް އަދި އާންމުގޮތެއްގައި އެއާޕޯޓު ބޭނުންކުރާ ހުރިހާ އެންމެންނާ ވަރަށް ގާތް ގުޅުމެއް ބޭއްވޭތީ އެއީ ވަރަށް ހިތްހަމަޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޓާމިނަލް އޮޕަރޭޝަންސްގެ މަސައްކަތްތައް
އެމްއޭސީއެލްގެ ޓާމިނަލް އޮޕަރޭޝަންސް އަކީ އެންމެ ގިނަ މަސައްކަތްތަކެއް އެކުލެވޭ އޮޕަރޭޝަންތަކެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކަށް ޓާމިނަލް ތައްޔާރުކުރުމާއި ޖެޓީތަކުގެ ހާލަތާއި ޓެކްސީތައް ބޭނުންކުރާ މަގުތައް ވެސް ކޮންމެ ދުވަހަކު މޮނީޓާކުރުން ހިމެނެއެވެ. އަދި ހާއްސަކޮށް ފަސިންޖަރުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުން ވެސް ހިމެނެއެވެ.
"ޓާމިނަލް ތެރެއަށް ވަނުމާއެކު ޓާމިނަލްގައި މި ބޭނުންކުރާ މެޝިނަރީޒް އާއި ހުރިހާ އެއްޗެއް ރަނގަޅުތޯ، ކައުންޓަރު ސެޓަޕް ހުރީ ކިހިނެއްތޯ، ކޫލިން ސިސްޓަމް ކިހިނެއްތޯ، ޕެސެންޖާސްއަށް ފިނިވޭތޯ، ޕެސެންޖާސްއަށް ކޮންވީނިއަންޓްތޯ، ރެސްޓޯރެންޓުތައް ހުރީ ހުޅުވިފައިތޯ، ޓޮއިލެޓުތަކުގައި ކުލީނިން ކަންތައްތައް ހުރީ ކިހިނެއްތޯ ބަލަން ޖެހޭ. މުޅި ޓާމިނަލްގެ ކުލީނިން ކަންތައްތައް ބަލަންޖެހޭ. ދެން އެންމެ ބޮޑު ކަމަކަށް މި ބަލަނީ ފުރަން އަންނަ މީހާއަށް މިއީ ސޭފް އެންޑް ސެކިޔޯ އެންވަޔަރަމަންޓެއްކަން ކަށަވަރުކޮށްދިނުން،" ޓާމިނަލް އޮޕަރޭޝަންސްގެ މަސައްކަތްތަކާ ގުޅޭގޮތުން އައްޔަ ވިދާޅުވިއެވެ.
އެއާޕޯޓަށް ފުރަން ދާ މީހާ އެއާޕޯޓަށް ވަންނަ ހިސާބުން ފެށިގެން އެމީހަކަށް އެއްވެސް އުނދަގުލެއް ނެތި ޗެކިންކޮށް، އިމިގްރޭޝަން ނިންމައި ސެކިއުރިޓީއަށްފަހު ވެއިޓިން އޭރިއާއާ ހިސާބަށް ދެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ޓާމިނަލް ތައްޔާރުކުރުމަކީ ޓާމިނަލް އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަންކަމެވެ.
ޓާމިނަލް އޮޕަރޭޝަންސްގެ އެންމެ ބުރަ ދުވަސްތަކަކީ އުމްރާ އަދި ހައްޖު އޮޕަރޭޝަންސްގެ ދުވަސްތަކެވެ. އެ ދުވަސްތަކަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން، ވަރަށް ބޮޑަށް އެއާޕޯޓު ތޮއްޖެހޭ ދުވަސްތަކެކެވެ.
"މި ދެ އޮޕަރޭޝަންސް ވެސް އަޅުގަނޑުމެން ގެންދަން އެބަޖެހޭ. ނޯމަލް އޮޕަރޭޝަންސް އާއި އުމްރާ އޮޕަރޭޝަންސްއާ މިކްސް ނުކޮށް. މިކްސް ކޮށްފިއްޔާ ވަރަށް ބޮޑަށް ކޮންޖެސްޓްވޭ. އެހެންވީމާ އުމްރާވެރިންނަށް ވެސް އަޅުގަނޑުމެން ހާއްސަކަމެއް ދެން، ހައްޖަށް ފުރާ އިރުވެސް، އެއްދުވަސްކުރިން އެބޭފުޅުން ޗެކިން ކޮށްފައި ފުރުމުގެ ތިން ދުވަސް ކުރިން މިކޮޅަށް އައީމާ، ސްޕެޝަލް އެރޭންޖްމަންޓެއްގެ ދަށުން ޓާމިނަލްގެ ނޯމަލް އޮޕަރޭޝަނަށް ވެސް އިފެކްޓް ނުކުރާ ގޮތަށް މި އޮޕަރޭޝަންސްތައް ނިންމާލުން،" އައްޔަ ވިދާޅުވިއެވެ.
އައްޔަގެ ދަށުން އޮޕަރޭޝަންސްތަކުގައި 100 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ. އުމްރާ އަދި ހައްޖު އޮޕަރޭޝަންސް ދުވަސްވަރު ވެސް އަރައިވަލުން ނުކުމެގެން އަންނަ މީހާ އަދި ފުރަން އަންނަ މީހާއަށް ވެސް އެއްވެސް އުނދަގުލެއް ނެތްކަން އެ މުވައްޒަފުން ކަށަވަރުކުރެއެވެ.
އައްޔަ ވިދާޅުވިގޮތުގައި މި ދާއިރާއަށް ޓެކްނިކަލް މީހުން އިތުރުކުރަން ޖެހެއެވެ. އެކަމަށް އެމްއޭސީއެލްގެ މެނޭޖްމަންޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އެމްއޭސީއެލް އަކީ އަބަދުވެސް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ދޭނެ ކުންފުންޏެއް ކަމަށް އައްޔަ ފާހަގަކުރައްވައެވެ.
ވީއައިއޭއަށް ބޮޑު ތަރައްގީއެއް، ފަސިންޖަރުންނަށް ގިނަ ފަސޭހަތަކެއް
އައްޔަ ގަބޫލުކުރައްވާ ގޮތުގައި އެމްއޭސީއެލްގެ މަސައްކަތާއެކު ވީއައިއޭއަށް ވަނީ ބޮޑެތި ގިނަގުނަ ތަރައްގީތަކެއް ގެނެވިފައެވެ. މީގެ 30 އަހަރު ކުރިން ވިއްސަކަށް އިންޓަނޭޝަނަލް ފުލައިޓު ޖައްސަމުންދިޔަ އެއާޕޯޓަށް މިހާރު 40 އަށްވުރެ ގިނަ ފުލައިޓު ޖައްސައެެވެ. ޖެޓީތައް އިތުރުކުރެވި، މިހާރު ވެހިކަލްތަކުގައި ވީއައިއޭއަށް މާލެ އާއި ހުޅުމާލެއިން ވެސް ބުރިޖުގައި މީހުނަށް އާދެވެއެވެ. އަދި އެ ވެހިކަލްތައް ޕާކު ކުރާނެ ޖާގަތައް ވެސް ވަނީ ހަމަޖައްސައިފައެވެ.
"ޖެޓީތައް ވެސް ކައިރިކޮށްފައި އެ ހުރީ. އަޅުގަނޑުމެން ފުރަތަމަ ޖޮއިން ކުރިއިރު، ޖެޓީތައް ހިޔައެއް ވެސް ނުވާނެ. މިހާރު ސްޕީޑު ލޯންޗަށް ވެސް ކައިރިކުރެވޭނެ، ހިޔަލުގައި އައިސް ވަދެވޭނެ. ކާރުތައް ވެސް ޓާމިނަލް ކައިރީ މަޑުކޮށްފަ އޮންނަ އިރު ރޫފެއް ހަދާފަ މިހުންނަނީ. އެހެންވީމާ ނުތެމި އެބަ ވަދެވޭ. އެކަމަކު ފުރަތަމަ ޖޮއިން ކުރި އިރު، މިއިން އެއްވެސް ކަމެއް ނެތް. ދެން ބޮޑެތި ކޮރިޑޯތައް ހެދިއްޖެ، ޕާކިން އިން މިސާލަކަށް ބަލަންޏާ އިންޓަނޭޝަނަލް ޓާމިނަލްއާ ހަމައަށް ހިޔަލުގައި އެބައާދެވޭ،" އައްޔަ ވިދާޅުވިއެވެ.
އައްޔަ ގަބޫލުކުރައްވާގޮތުގައި ވެހިކަލް ޕާކުކުރާނެ ޖާގައާއެކު ފަސިންޖަރުންނަށް ގިނަ ހިދުމަތްތަކެއް ތައާރަފުކުރެވި، ގިނަ ފަސޭހަތަކެއް ހޯދައިދެވިއްޖެއެވެ. ފަސިންޖަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކޮންމެ އެންޓްރެންސް ޕޮއިންޓެއްގައި އިތުރު ހިދުމަތްދިނުމުގެ ގޮތުން ބައިވަރު ކަންތައްތައް ކުރެވިއްޖެ ކަމަށް އައްޔަ ވިދާޅުވިއެވެ.
"ކޮންމެ އެންޓްރަންސް ޕޮއިންޓެއްގައި އިތުރު ހިދުމަތްދިނުމުގެ ގޮތުން ބައިވަރު ކަންތައްތަކެއް ކުރެވިއްޖެ. އިތުރު މެޝިންތައް އިންސްޓޯލު ކުރެވިފަ އެބަހުރި. ކުރީގައި ހުރި ކައުންޓަރަށް ވުރެ ޑަބަލް ގިނަ ޗެކިން ކައުންޓަރުތައް އިތުރުކުރެވިއްޖެ. އިމިގްރޭޝަން ވެސް ކައުންޓަރުތައް އިތުރުވެއްޖެ. ފުރަން އަންނަ މީހާއަށް ވެސް، ރާއްޖެ އަންނަ މީހާ ވެސް ޓޮއިލެޓް ފެސިލިޓީސް ބޭނުންވޭ، އެކަމަށް ޓޮއިލެޓްތައް ވެސް އިތުރުކުރެވިއްޖެ. ބެގެޖު ބެލްޓުތައް، ކުރީން ދެ ބެލްޓު ބޭނުންކުރީ، މިހާރު ބެލްޓުތަކެއްވެސް އިތުރުކުރެވިއްޖެ. އެއް ފުލައިޓެއް، އެއް ބެލްޓަކަށް ވެސް މިހާރު ހުސްކޮށްލެވޭނެ. އެހެންވީމާ އޭރާއި މިހާރާ ކޮމްޕެއާ ވެސް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އައްޔަ ވިދާޅުވިގޮތުގައި ވީއައިއޭގެ އާ ޓާމިނަލް އަންނަ ޖުލައި ނުވަތަ އޮގަސްޓުގައި ބޭނުންކުރަން ފެށުމާއެކު ފަސިންޖަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިހާރަށްވުރެވެސް ފަސޭހަ ގިނަ ހިދުމަތްތަކެއް އެ ޓާމިނަލުން ލިބިގެންދާނެކަން އައްޔަ ފާހަގަކުރެއްވިއެވެ.
ޓީޓީގައި ގިނަ މަގާމުތަކެއް ފުރުއްވަމުން ވެސް އެމްއޭސީއެލްގެ މަސައްކަތުގައި
އައްޔަ 2006 އިން 2008 އަށް ޓީޓީ އެސޯސިއޭޝަންގެ އިދާރީ މަސައްކަތްތައް ކުރެއްވި އިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާއަކީ ޓީޓީގެ ނައިބު ރައީސެވެ. އެންމެ ފުރަތަމަ ރައީސަކަށް އިންތިހާބުވީ، ވާދަވެރިޔަކު ނެތި، 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެކަމަކު އޭގެ ފަހުން، 2020 ވަނަ އަހަރު ބޭއްވި އިންތިހާބު ވާދަވެރިކޮށް ދިޔަ އިރު، އައްޔަ ވަނީ އެފަހަރުވެސް އިންތިހާބު ކާމިޔާބުކުރައްވައި، މަގާމު ދިފާއުކުރައްވައިފައެވެ.
ދާދިފަހުން ތިންވަނަ ދައުރަކަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބުވެޑައިގެން އައްޔައަކީ މިވަގުތު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ވެސް މެންބަރެކެވެ. މިއަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސްއަށް ރާއްޖޭގެ ކޮންޓިޖެންޓާ ހަވާލުވެގެން ދިޔަ ޗެފް ޑި މިޝަނަރަކީވެސް އައްޔައެވެ.
މިދިޔަ އަހަރު އައްޔަ ވަނީ އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން (އޭޓީޓީޔޫ) ގެ ކައުންސިލް މެންބަރު ކަމަށް ވެސް އިންތިހާބުވެވަޑައިގެންފައެވެ. އޭގެ އިތުރުން އޭނާއަކީ ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ވެސް މެންބަރެކެވެ.
އައްޔަގެ ރައީސްކަމުގައި ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ގިނަ ބަދަލުތަކެއް ގެންނަވައި، ޓީޓީ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅިވަރަށް ވަނީ ހައްދަވައިފައެވެ. މީގެ ކުރިން ހަމައެކަނި ރާއްޖެއިން ބޭރަށް ތަޖުރިބާ ހޯދަން ގައުމީ ޓީމުން ކުރި ދަތުރުތައް ނިމުމަކަށް ގެންނަވައި، މިހާރު މުބާރާތްތަކަށް ޓީޓީ ކުޅުންތެރިން ދަނީ ރަން ވަނަ ހޯދާށެވެ.
ޓީޓީން ރަން ވަނަތަކެއް ހޯދުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ވެސް، އައްޔަ އަކީ އެމްއޭސީއެލްގެ ވަޒީފާއަށް ފަރުވާތެރި ބޭފުޅެކެވެ. އެމްއޭސީއެލުން ވެސް ޓީޓީގެ ކުރިއެރުމަށް އައްޔައަށް މަގާމުތައް ފުރުއްވުމަށް ފުރުސަތު ދެއްވައެވެ. އެކަމަށްޓަކައި އައްޔަ ވަނީ އެމްއޭސީއެލްގެ މެނޭޖްމަންޓަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.
އަލީ ރިފްޝާން
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ކޮމެންޓް