ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ދަ ހޯކްސް ލީޑް ވެޓަރަންސް ކަޕް 2025 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުތައް ބެސްޓާއި ލާމު ބްލޫސް އަދި ސެންޓްރަލް އޭރިއާ ކޮމާންޑް ވެޓެރަންސްއިން ކާމިޔާބު ކޮށްފިއެވެ.
ލީޑް ވެޓެރަންސް ކަޕް ފެށުމަށް ރޭ ޗެރިޓީ ޝީލްޑް މެޗެއް ކުޅެފައިވާ އިރު، ގްރޫޕް ސްޓޭޖު ފެށީ މިރޭގެ މެޗުތަކުންނެވެ. މިއަހަރުގެ މުބާރާތުގައި 11 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުޅެމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ބެސްޓް އެސްސީ، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބު، ލާމު ބްލޫސް، ރަސްހިންނެ އެސްސީ، އަފޭން އަދި މާމެންދޫ ޔުނައިޓެޑް ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ ސީއޭސީ ވެޓެރަންސް، ކިންގް، އެވާލީ އެސްސީ އަދި ކަންމަތި އެސްސީއެވެ.
މިރޭގެ ފުރަތަމަ މެޗުގައި ބެސްޓުން ވަނީ ގަމު ކައުންސިލް ކައިރިން 11-0 އިން މޮޅުވެފައެވެ. އެމެޗުގައި ބެސްޓުގެ ހަސަން ސޮލާހު (ހައްޓި) ވަނީ ހަތަރު ގޯލު ޖަހައި، މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
އޭގެ އިތުރުން ގޯލުތައް ޖެހީ ހަސަން ފަރީދާއި އަހުމަދު އާތިފް، ހުސައިން ލަތީފް އަދި އަބްދުﷲ ފަރީސެވެ. ފަރީދު މެޗުގައި ހެޓްރިކް ހެދި އިރު، ހުސައިން ލަތީފް ދެ ގޯލު ޖެހިއެވެ.
އޭގެފަހުން މިރޭ ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުގައި ލާމު ބްލޫސްއިން ވަނީ ރަސްހިންނެ އެސްސީ ކައިރިން 10-3 އިން މޮޅުވެފައެވެ. އެމެޗުގައި ލާމު ބްލޫސްގެ އާދަމް ވަޖީހު ހަ ގޯލު ޖަހައި ދެ ހެޓްރިކް ފުރިހަމަ ކުރި އިރު، ހުސައިން ޝިހާމްގެ އިތުރުން މުޖުތާޒު އަލީ ގޯލު ޖެހިއެވެ. މުޖުތާޒު ދެ ގޯލު ޖެހި އިރު، ރަސްހިންނެގެ މުހައްމަދު ޝާފިއު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
ރަސްހިންނެގެ ގޯލުތައް ޖެހީ އަހުމަދު އުސާމާއި މުހައްމަދު ޝާފީ އަދު ހަސަން އިބްރާހީމެވެ.
މިރޭގެ ފަހު މެޗުގައި ގްރޫޕް ބީގެ މުންޑޫ ވެޓެރަންސްއާއި ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓެރަންސް ވާދަކޮށް، ސީއޭސީ ވެޓެރަންސްއިން މެޗު ކާމިޔާބުކުރީ 7-3 އިންނެވެ.
ސީއޭސީ ވެޓެރަންސްގެ އަލީ އިހުސާން ހަތަރު ގޯލު ޖެހި އިރު، މުހައްމަދު އާރިފާއި މުހައްމަދު އިބްރާހީމް އަދި އަހުމަދު ލަތީފް ގޯލުތައް ޖެހިއެވެ. މުންޑޫގެ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު އަބްދުލް ޝަކޫރެވެ.
ދަ ހޯކްސް ލީޑް ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާދަމާ ރޭވެސް އޮންނާނެއެވެ. މިއަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް