މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާދަޔާހިލާފު ކޮންގްރެސް އަންނަ އޯގަސްޓް 15ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އަންނަ އޮގަސްޓު 15ގެ ކުރިން ބާއްވަން ފާސްކުރީ މިރޭ ބޭއްވި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރު ވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. އެގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ވޯޓުންނެވެ.

ގައުމީ މަޖިލީހުގައި ވަނީ ކޮންގްރެސްގެ އިންތިޒާމުތައް ހަމަޖައްސަން ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ކޮންގްރެސް އޮންނާނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރުއެވެ. އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހު ސޯޝަލް ސެންޓަރުގައެވެ.

އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވަން ފާސްކޮށްފައިވާއިރު އެ ޕާޓީގެ ކުރީގެ ރައީސް އަދި ދަ ޑިމޮކްރެޓިކްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖެއަށް މި ވަގުތު އެންމެ ރަނގަޅުވާނީ ޑިމޮކްރެޓްސްއާ އެމްޑީޕީ ގުޅުން ކަމަށް ވިދާޅުވެފައެވެ.