ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ލ. މާންދޫ ބެންޑް (ގަމާއި ފޮނަދުއާ ދެމެދު ހަދާފައި އޮންނަ ލިންކު ރޯޑު ލަނބައިލާ ހިސާބު) ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް އެކްސިޑެންޓެއް ހިނގި މައްސަލަ ރޭ ދަންވަރު 1:40 އެހާކަންހާއިރު ރިޕޯޓްކުރި ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި ލ. މާބައިދޫ/ ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް (30އ) މަރުވީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައުޒަމް ދުއްވަން އިން ސައިކަލު ކޮންޓްރޯލްނުވެ ގޮސް އެކްސިޑެންޓުވީ މަގުގެ އެއް ފަރާތުގައި ޖެހިގެންނެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކުގެ ސަބަބުން ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.