ދުނިޔެއަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަންނަން މަޝްވަރާގެ މަގު އިސްކުރަން ރާއްޖެއިން ގޮވާލައިފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާންގެ ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ކުރެއްވި ދަތުރުގައި ވަނީ ޖަޕާނުގެ ސަސަކާވާ ޕީސް ފައުންޑޭޝަނާ ގުޅިގެން "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބޭއްވި މަތީ ފަންތީގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ޕަނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ހަލީލު ވަނީ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުންނާއި ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ހަލީލު ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ނުތަނަވަސްކަން ކުޑަކުރުމަށް ސަރަހައްދީ އަދި މަލްޓިލެޓަރަލް ޖަމިއްޔާތަކުން އަދާކުރަމުންދާ މުހިންމު ދައުރުވެސް ފާހަގަކުރައްވައިފައެވެ.

ޖިއޮގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ހަލީލު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ މި ސަރަހައްދުގެ ހަމަޖެހުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ.