ސަރުކާރުގެ ޓެކްސީ ލައިން އަންނަ ޖުލައި މަހު ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެމްޓީސީސީއާ ހަވާލުކުރި މަސައްކަތުގެ ދަށުން އެ ކުންފުނިން އާރުއެފްޕީ ސާކިއުލޭޓްކޮށްގެން އެމްޓީސީސީން ކަނޑައަޅާފައި ހުރި ސައިޒުގެ ލިވަރީގައި ސަޕްލައިކުރާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްގެންގޮސް، އިލެކްޓްރިކަލް ވެހިކަލް މެނުފެކްޗަރުންގެ ތެރެއިން ބަޔަކު މިހާރު ހޯދާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
"ދެން ވެހިކަލްތައް ޗާޖުކުރުމާއި މެއިންޓެއިން ކުރުމާއި މި ހުރިހާ ކަންތައްތަކަށް އެމްޓީސީސީގެ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތަކެއް ވެސް ހުންނާނެ، އެ މަސައްކަތްތައް ވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި، ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޓެކްސީ ކުރުމަށް ގިނަ އަދަދެއްގެ ވެހިކަލް މާލޭގައި ބޭނުންކުރަމުންދިޔަ ނަމަވެސް، އެ ހިދުމަތް މިހާރު ދެމުންދަނީ ޑްރައިވަރުން ބޭނުން ވަގުތަކު ޓެކްސީކޮށްލާ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޓެކްސީ ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
"ޓެކްސީ ޑްރައިވަރުންނަށް މީގެން އެއްވެސް ދެރަގޮތެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު އަރުވަން. އެއީ އެބޭފުޅުންގެ ވިޔަފާރީގެ ތެރެއަށް މި ވަންނަނީކީ ނޫން. އެބޭފުޅުންނަށް ވެސް އިތުރު ފުރުސަތެއް ހުޅުވިގެން މިދަނީ، އަދި މީގެ ބޮޑު ބަޔަކީ ހިދުމަތް ލިބިގަންނަން ތިބި ރައްޔިތުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން އަންނަ ކަމަށާއި ސަރުކާރުން ޓެކްސީ ލައިނެއް ފަށަނީ، ރައްޔިތުންނަށް އެ ހިދުމަތް ރަނގަޅު ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށްޓަކައި ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ ތިމާވެއްޓާ ރަށްޓެހި އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. އަދި އެ ހިދުމަތް ދޭން ހަމަޖެހިފައިވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް ސައްތައިން ސައްތަ ދިވެހިން ލައިގެންނެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި އެ ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފުކުރަން ނިންމާފައިވާ އިރު، ތިންވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި ފަށާނެއެވެ. އެއީ 2028 ވަނަ އަހަރާއި 2029 ވަނަ އަހަރުއެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން