ވިލާގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ހިލޭ އެހީގައި އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ފުލުހުން ބުނީ، މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކޮށް، އެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށެވެ.

މާމިގިލީގައި ބޭއްވި އެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ގާސިމެވެ.

އެ މަރުކަޒުގައި އޮފީސް އިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހުންނާނެ ކަމަށާއި އެ އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.