ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އަމުރުކުރެއްވުމާ ގުޅިގެން މައްސަލައިގެ ތަހުގީގަށް މަގުފަހިކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސަސްޕެންޑްކުރި 17 މުވައްޒަފުން އަލުން ވަޒީފާއަށް ނުކުންނަން ފަށައިފިއެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ ސަސްޕެންޑްކުރި މުވައްޒަފުންގެ ތެރެއިން 13 މުވައްޒަފަކަށް އަލުން ވަޒީފާ ދީފައިވާ ކަމަށެބވެ. ސަސްޕެންޑްކުރި މުވައްޒަފުންގެ ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެކަކު ވަނީ އަމިއްލައަށް އިސްތިއުފާދީފައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ފުލުހުން މައްސަލަ ބަލާފައި އެ މުވައްޒަފުންގެ ބައިވެރިވުމެއް ނެތް ކަމަށް އެންގުމުން ވަޒީފާ ދިނީ،" އޮފިޝަލް ވިދާޅުވިއެވެ.

"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވީ 19 ޑިސެމްބަރު 2024 ގައެވެ.

އެ މައްސަލައިގައި އެޗްޑީސީންް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށްބުނާ ސިޓީއެއްގައި ވަނީ، އެއް ޕްލޮޓަކުން ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށްބުނާ ސިޓީއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ. އޭގެ ތެރެއިން އެކަކީ އެޗްޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ، މުހައްމަދު ފަޒީލް ރަޝީދެވެ. މި މައްސަލަ ފެންމަތިވުމާއެކު އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީގެ މަގާމުން ފަޒީލް ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ މައްސަލައިގެ ތަހުގީގަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ އެޗްޑީސީ ބަލައިފާސްކޮށްފައެވެ. އެޗްޑީސީ ބަލައިފާސްކޮށް ފުލުހުން ވަނީ އެ މައްސަލައާ ގުޅުންހުރި ލިޔުންތަކެއް ގެންގޮސްފައެވެ. ހަމަ އެ ރޭ އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ 23 ޑިސެމްބަރު 2024 ގައި ފަޒުލް ރަޝީދުގެ ގެ ބަލައިފާސްކޮށް 1.4 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ފަޒުލްއަށް ކުރަނީ ފޯޖަރީގެ ތުހުމަތެވެ. އެ ތުުހުމަތު ތަހުގީގު ކުރަމުންދަނިކޮށް ފަޒުލް ވަނީ 21 ޑިސެމްބަރ 2024 ގައި އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ފުލުހުން މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ވެރިފަރާތަށް ފައިސާތައް އަނބުރާ ދީފައިވާ ކަމަށެވެ.

އެ ފައިސާގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ރިލެކްސް ފެރީ ސާވިސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފެރީ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ ހަވާލުކޮށްގެން ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ.

"އަދި ފަޒުލް ކުންފުނިން ބަން ލޯންޗްގެ ފެންވަރު ރަނގަޅުކަމުން އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާ ކުރެވި، ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދުފައިސާ ދީފައިވާނެއެވެ،" ރިލެކްސް ފެރީ ސާވިސް އިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.

ފަޒުލް ވަނީ ރިލެކްސް ފެރީން މިގޮތަށް ބުނެފައިވާ ޕޯސްޓް، އޭނާގެ ފޭސްބުކް އެކައުންޓުން ޝެއާ ވެސް ކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ފުލުހުން ކުރިން ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތުން ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް އިތުރަށް މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ އިރު، އޭސީސީން ވަނީ ފަޒުލްގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ. ފަޒުލްގެ އިތުރުން އޭނާގެ ބޭބެ ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓިއެވެ. އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ 21 ޑިސެމްބަރު 2024 ގައެވެ. ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ އިސްވެރިންނާއި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސްވެރިން ހިމެނެއެވެ.

އެގޮތުން ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި، އެ ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

ދެން ހިފަހައްޓާފައިވަނީ އެޗްޑީސީގެ ބޯޑު މެންބަރުންނާއި ބައެއް އެހެން އިސްވެރިންނެވެ.

ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރެއިން ގިނަ ބައެއްގެ ޕާސްޕޯޓް މިހާރު ވަނީ ދޫކޮށްލައިފައެވެ.