ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ހަލީލް ތުރުކީއަށް ފުރާވަޑައިގަތީ ތުރުކީގެ ފޮރިން މިނިސްޓަރު، ހަކާން ފިދާންގެ ދައުވަތަކަށް އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކަމަށެވެ.

"ރީކްލެއިމިން ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް" ގެ ޝިއާރުގެ ދަށުން އެ ފޯރަމް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގެން، އެ ފޯރަމުގައި ބައިވެރިވާ ރަހުމަތްތެރި ގައުމުތަކުގެ މިނިސްޓަރުންގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޑރ. ހަލީލް، އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.