އިނގިރޭސިވިލާތުގެ ލިވަޕޫލަށް އެ މަނިކުފާނު ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 153،000 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްްޔިތުންނާއެކު" ޕޮޑްކާސްޓް ޕްރޮގްރާމްގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް މިމަހުގެ 1 އިން 5 ގެ ނިޔަލަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ މުހިންމު ދަތުރުފުޅެއް ކަމަށެވެ.

"އެއް ކަމަކަަށް ދަންނަވަންޏާ މި ދަތުރަކީ ހަމަ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވަރަށް މުހިންމު ދަތުރެއް، އިނގިރޭސިވިލާތަކީ މިވަގުތު ރާއްޖެއަށް ދެވަނައަށް އެންމެ ބޮޑު މާކެޓް، ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ ފުޓްބޯޅަ ލީގު. މިވަގުތު އިނގިރޭސިވިލާތުގެ ޗެމްޕިއަނަކަށްވުމުގެ އެންމެ ބޮޑު ފުރުސަތު އޮތް ޓީމާއެކު އަޅުގަނޑުމެން އެގްރީމެންޓަކަށް މިއައީ ދެން ހުރިހާ ގޮތަކުންވެސް ސެންސް މޭކުކުރޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެ ދަތުރުގައި ބައިވެރިވި ހުރިހާ އެންމެންގެ ހަރަދުތައް ހަމަޖެއްސީ ސްޕޮންސާޝިޕުން ކަމަށެވެ.

"ސަރުކާރުން މާބޮޑު ހަރަދެއް ނުކުރަން، ޕްރައިވެޓް ސެކްޓާ ސްޕޮންސާޝިޕްގައި ހުރިހާ ހަރަދެެއްހެން ކޮށްފައިވަނީ، ހަމައެކަނި ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވީ، އެއީ އަޅުގަނޑުގެ ޓިކެޓަށް ދިޔަ އެއްޗެއް، ދެން އެހެން ހުރިހާ މިހުންގެ ޓިކެޓާއި ހުރުމާއި، ޖުމުލަކޮށް ހުރިހާ ހަރަދެއް ކުރީ ޕްރައިވެޓް ސެކްޓާ ފަންޑިންގެ ތެރެއިން ސްޕޮންސާޝިޕްގެ ދަށުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅަށް ރައީސް ލިވަޕޫލަށް ވަޑައިގަތީ ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތުގެ ފެށުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެއްސީ ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ޓޫރިސްޓުންނަށް ހިތްވަރުދިނުމުގެ ގޮތުން، ތިން އަހަރާއި ހަ މަސް ދުވަހަށް ކުރިއަށްގެންދާ ކެމްޕޭނެއްގެ ދަށުންނެވެ.