ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުގެ އެހީގައި ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެ ފައިސާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯސިއޭޝަނާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ އެސޯސިއޭޝަނާއި ފަލަސްތީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން އެ އެހީ މިހާރުވަނީ ގާޒާގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައި ކަމަށެވެ.

އެ އެހީ ފޯރުކޮށްދޭ ވީޑިއޯ އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އެ ވީޑިއޯއިން ފެންނަނީ ގާޒާގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޯށްދޭ މަންޒަރެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް މީގެ ކުރިންވެސް ފަލަސްތީނަށް ގިނަ އެހީތަކެއް ވަނީ ވެފައެވެ.