މިހާތަނަށް އައިއިރު ދުވަހަކުވެސް ހިޔާނާތުގެ ތުހުމަތެއްގައި ތަހުގީގީ އިދާރާއަކަށް ހާޒިރުކޮށްފައިނުވާ ކަމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުުވުމުގައި މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަދު އަހުމަދު ނާޒިމް ވަނީ މޯލްޑިވް ގޭސްއާ އަމާޒުވާ ހިޔާނާތެއްގެ މައްސަލަ ފެންމަތިކޮށްފައެވެ. ނާޒިމް ވިދާޅުވެފައިވަނީ މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވެފައިވަނީ ގޭސް ޝިޕްމަންޓްގެ އެޑްވާންސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ޑޮލަރު ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެލްޕީޖީ ޝިޕްމެންޓަކަށް ދައްކާފައިވާ ފައިސާކަންވެސް ފާހަގަކުރެއްވިއެވެ. އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުގައި އަދި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން އަބްދުﷲ ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަކީ 2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރަމުންދާ މީހެއް ކަމަށެވެ.
"ވޭތުވެދިޔަ ދިގު މާޒީގައި އެއްވެސް ހިޔާނާތެއް އަދި ހިޔާނާތެއްގެ ތުހުމަތުގައިވެސް ތަހުގީގީ އެއްވެސް އިދާރާއަކަށް ހާޒިރުކޮށްފައިވާ މީހެއް ނޫން. އަދި ބަޔާން ނަގައި އެއްވެސް ހުކުމެއް ކޮށްފައިވާ މީހެއްވެސް ނޫން. އަބަދުވެސް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކޮށްފައިވަނީ އަދި އަދާކުރަމުން މިދަނީ ވަޒީފާ އަދާކުރާ މުއައްސަސާގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އެންމެ މަތީ ދަރަޖައަށް އިސްކަންދީގެން،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރަމުންދަނީ މުއައްސަސާގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކުރަން ކަމަށެވެ. އެކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުތަކުން ކަށަވަރުވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
މޯލްޑިވް ގޭސްގެ ކޮންމެ މުއާމަލާތަކީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ޕްރޮކިއުމެންޓް އުސޫލާ އެއްގޮތަށް ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.
އެ މީހަކު ބޭނުންވާ ކަންކަން ބޭނުންވާ ގޮތަކަށް ހާސިލުނުވުމަކީ ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް ދެން ހުންނަ މީހާގެ އަބުރު ގެއްލުވާލުމުގެ ފުރުސަތަކަށް ނުހެދުމަށް އަބްދުﷲ އެދިވަޑައިގެންނެވިއެވެ.
މުހައްމަދު އިޝާން
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު