ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވްސް ގޭސް އިން ނަގައި އެސްޓީއޯގެ ދަށަށް ބަދަލުކޮށްފިއެވެ.

މިގޮތަށް ބަދަލުކޮށްފައި ވަނީ ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލައެއް ފެންމަތިވެ، އެކަން މަޖިލީހުން ބަލަން ފެށުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަދު އަހުމަދު ނާޒިމެވެ.

ޕީސީބީގެ ޕޮލިސީތަކާ އެއްގޮތަށް ކުންފުނިތަކުގެ ކަންތައް ކުރިއަށްދޭތޯ ކޮމިޓީން ބަލަންޖެހޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މޯލްޑިވްސް ގޭހުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ގެއްލިފައިވާ ކަމަށާއި އެ ފައިސާ ހޯދުމަށް ކުރި މަސައްކަތުގައި އަދި އެއްވެސް ކާމިޔާބެއް ލިބިފައިނުވާ ކަމަށެވެ. އެއީ ޕީސީބީގެ ޕޮލިސީތަކާ އެއްްގޮތަށް ކަންތައް ނުކުރުމުން ނުކުންނަ ނަތީޖާ ކަމަށްވެސް ނާޒިމް ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ގޭސް ޝިޕްމަންޓްގެ އެޑްވާންސްގެ ގޮތުގައި ދައްކާފައިވަނީ 240،000 ރުފިޔާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކައްކާ ގޭސް ޝިޕްމެންޓަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ކުންފުނިތަކުން 'ބްލީޑް' ވަނީ އެފަދަ ގޮތް ގޮތަށް ފައިސާ ހަރަދު ކުރުމާއި އިންތިހާއަށް ބޮޑެތި އަގުތަކުގައި ކުންފުނިތަކުން ވެހިކަލްތަކާއި އެއްޗެހި ކުއްޔަށް ނަގައިގެން ޕީސީބީގެ ޕޮލިސީތަކާ ހިލާފަށް ކަންތައް ކުރުމުން ކަމަށެވެ.

އެހެންކަމުން ސްޕެސިފިކްކޮށް ވަކިވަކި ކުންފުނިތަކުން، ޕީސީބީގެ ޕޮލިސީތަކާ އެއްގޮތަށް މަސައްކަތް ކުރޭތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.