ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު ދަށްވާއިރު ރާއްްޖޭގައިވެސް ގޭހުގެ އަގު ދަށްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މޯލްޑިވް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވް ގޭސްއާ ހަވާލުވެވަޑައިގެންނެވުމަށްފަހު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަބްދުﷲ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އަބަދުވެސް ގޭހުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށެވެ. އެގޮތުން، ޔޫރަޕުގެ ގައުމުތަކުގައި ފިނި މޫސުމުގައި ގޭސް ބޭނުންކުރާ މިންވަރު އިތުރުވުމުން ގޭހުގެ އަގު އުފުލޭ ކަމަށެވެ. އަދި ހޫނު މޫސުމުގައި ގޭސް ބޭނުންކުރާ މިންވަރު ދަށްވުމުން ގޭހުގެ އަގުވެސް ދަށްވާ ކަމަށެވެ. އެހެންކަމުން ގޭހުގެ އަގު ދަށްވާ ދުވަސްވަރު ރާއްޖޭގެ ރައްޔިތުންނަށްވެސް އެކަމުގެ މަންފާ ލިބެންވާނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ އެ ކުންފުނިން އެއް އަގެއްގައި ގޭސް ވިއްކާތާ 25 އަހަރު ވެފައިވާ ކަމަށެވެ. އަދި މާކެޓުގައި ގޭސް ޝޯކޭސް ކުރަނީ ކުޑަފުޅި އަދި ބޮޑުފުޅީގެ ގޮތުގައި ނަމަވެސް ގޭހަކީ ކިލޯ ކިރައިގެން ވިިއްކާ އެއްޗެއް ކަމަށެވެ.
"ކޭޖީއަކަށް އަންނަ ލުއިކަން ރައްޔިިތުންނަށްވެސް ލިބެން ޖެހޭނެ. ގޭހުގެ އަގު މައްޗަށް ގޮސްފިއްޔާ ރައްޔިތުންނަށް ތަކުލީފު ނުވާ ގޮތަކަށް އެކަން މުރާޖާވެސް ކުރަން އެބަ ޖެހޭ. ކޮންމެހެން އަޅުގަނޑު މި ދަންނަވަނީ ގޭސް އަގުބޮޑު ކުރާ ވާހަކައެއް ނޫން. ކުންފުންޏަށް ގެއްލުން ނުވާ ކަމަށްވަަންޏާ އަގުބޮޑު ކުރާކަށް ނުޖެހޭ، މާކެޓުގައި އަގު އުފުލުނުކަމުގައި ވިޔަސް،" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ އަގުތައް މުރާޖާކުރުމަށް ފަހުގައި ނޫނީ ރާއްޖޭގައި ގޭހުގެ އަގު ބޮޑުވިޔަ ނުދޭނެ ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ ސްޓޯރޭޖު ކުޑަވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު ދަށްވާ ދަނޑިވަޅުގައި ގިނައިން ގޭސް ގަނެ ރައްކާކުރެވޭނެ ގޮތެއް ނެތުމަކީ އެކަމަށް އޮތް ގޮންޖެހުމެއް ކަމަށާއި އެގޮތަށް ގޭސް ގަނެ، ރައްކާ ކުރެވޭ ނަމަ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުނަސް، ރާއްޖޭގެ ރައްޔިތުންނަށް އަގު ބޮޑު ނުކޮށް ވިއްކޭނެ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
މޯލްޑިވްސް ގޭސްގެ ސްޓޮކް ބަލަހައްޓަން ހުރީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ފެސިލިޓީ އެކަނިކަން ފާހަގަކޮށް އަބްދުﷲ ވިދާޅުވީ އެކަން ހަމަޖެހިފައި އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި އިންޑަސްޓްރިއަލް ޒޯނުން ޕްލޮޓެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ހިދުމަތް ރަނގަޅު ގޮތުގައި ދިނުމަށް މާލޭގައި ހުރި ސްޓޯރޭޖް ބޮޑުކޮށް، ރައްކާތެރި ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު