ރައްކާތެރި ނިޒާމަކާއެކު ހައުސިން ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަކީ އަމާޒެއް ކަމަށް މޯލްޑިވް ގޭސްގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
ގޭސް ކުންފުނީގެ އެމްޑީގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި އަބްދުﷲ ވިދާޅުވީ ކޮނޑަށް ލައިގެން ޓަވަރުތަކަށް ގޭސްފުޅި އުފުލުމުގެ ބަދަލުގައި ގޭސް ހޮޅި އަޅައިގެން އެ ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އެ ކުންފުނިން ކުރަން އަމާޒު ހިފާފައިވާ ކަމެއް ކަމަށެވެ.
ހިޔާ ޓަވަރުތަކުގައި އެ މަސައްކަތް ކުރުމަށް ކުރީ ސަރުކާރުންވެސް 2021 ވަނަ އަހަރު މަސައްކަތް ކޮށްފައިވެއެވެ. "ވަން" އަށް ދެއްވި އިންޓަވިއުގައި އަބްދުﷲ ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އެކަމަށް ދިރާސާތަކެއް ކޮށްފައިވާ ކަމަށާއި މަސައްކަތްތަކެއްވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، އެ މަސައްކަތް އޮތީ މަޑުޖެހިފައި ކަމަށާއި ވިސްނުމަކީ އެކަން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ ހަމަ ކުރިއަށްއޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކޮށްގެން ރާއްޖޭގައި މި އެޅޭ ބޮޑެތި ޓަވަރުތަކުގައި މިކަމަށްވެސް ޖާގަ ލިބޭނެ އުސޫލެއް ކަނޑައެޅި، އެ އުސޫލުގެ ތެރެއިން މި ހިދުމަތް ރައްކާތެރިގޮތުގައި ދެވޭނެ އިންތިޒާމުތައް ހަމަޖެެއްސުމަށްޓަކައި މިހާރުވެސް ހަމަ މަޝްވަރާ ކުރަމުން ދަނީ، އަޅުގަނޑު ރައީސްއާވެސް ކޮންމެވެސް ވަރަކަށް މަޝްވަރާކޮށްފިން،" އަބްދުﷲ ވިދާޅުވިއެވެ.
އެކަން ކުރުމަށް ހުރި ބައެއް ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވައި ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ ގޭސް ހޮޅި ލީކުވެގެން ހާދިސާއެއް ހިނގައިފާނެތީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް މީހުންގެ ކަންބޮޑުވުންވެސް އެކަމާ މެދު ހުރި ކަމަށެވެ. ނަމަވެސް އެއީ ކޮންމެ ގެއެއްގައި ގޭސް ފުޅިއެއް ބެހެއްޓުމަށްވުރެ މާ ރައްކާތެރި ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުވެސް އަޅުގަނޑުމެން ބަލަމާ، ކޮންމެ ގެއެއްގަވެސް ބަދިގޭގައި ގޭސްފުޅިއެއް ހުންނަނީ. އެ ގޭސްފުޅި ވަށައިގެން ހުންނަނީ ރައްކާތެރިކަމާއެކުއެއްވެސް ނޫން. އެއަށްވުރެ އެތައް ގުނައެއް ރައްކާތެރި ނިޒާމެއް މިއީ ހޮޅި އަޅައިގެން މި ހިދުމަތް ދިނުން މިއީ. އެއީ އެ ނިޒާމުގައި އޮޓޯ ސިސްޓަމްތަކެއް އެބަހުރި. ކިރިޔާ ލީކެއް ވިޔަސް އެބަ އެލާމް އަޅާ. އަދި އެޕާޓްމެންޓަކުން އޮޓޯއިން އެބަ ކަނޑާލަދޭ،" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ގޭސް ހޮޅީގެ އިންތިޒާމު ހަމަޖެހިފައި ހުންނަނީ އެއް އެޕާޓްމެންޓުގައި މައްސަލައެއް ޖެހިގެން ހިދުމަތް ކަނޑާލިޔަސް ދެން ހުންނަ އެޕާޓްމެންޓުތަކަށް ބުރުލެއް ނާރާ ގޮތަށް ކަމަށެވެ. އަދި އެކަން ހިންގާނީ މީޓަރު ހަރުކޮށްގެން ކަމަށާއި ރައްޔިތުންނަށް ތަކުލީފެއް ނުވާ ގޮތަށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
އޭގެ އިތުރުން، މިހާރު އިމާރާތްކޮށްފައި ހުރި އަދި އިމާރާތްކުރަމުންދާ އިމާރާތްތައް ހަދަނީ ގޭސްހޮޅި އެޅުން ފަދަ ކަންތައްތަކަށް ވިސްނާފައި ނޫން ކަމަށާއި އެކަމުގެ ސަބަބުންވެސް ގޮންޖެހުންތަކެއް ހުރި ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެހެންކަމުން، އެކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން އެކަމަށް ރަނގަޅު އުސޫލެއް ހަދައި، ދެން އަޅާ ޓަވަރުތަކުގައި އެކަމަށް ޖާގަ ލިބޭނެ އިންތިޒާމުތައް ހަމަޖެހޭނެ ގޮތެއް ހޯދުމަކީ މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަން އަމާޒު ހިފާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު