ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 19 ދަރިވަރަކު މިއަދު ދަސްވެނިވެއްޖެ އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން ިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން 20 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 16 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔައިފަ އެވެ.
ރަސްމިއްޔާތުގައި ރާއްޖޭގެ ތަރައްގީގައި ދިރާގުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވަނީ ޒުވާނުން ތަރައްގީކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިވެހި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެކި އިންޑަސްޓްރީތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފު ކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
އެ ޕްރޮގްރާމްގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެ، އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެ ޕްރޮގްރާމް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، ދިރާގުން ބުނާ ގޮތުން މިއަދުގެ ނިޔަލަށް ޖުމުލަ 288 ޒުވާނުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު