ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދަކީ އެމެރިކާޔާއި ޗައިނާއެވެ. އެދެބާރުގެ މެދުގައި ބޮޑުވެގެންވާ ވިޔަފާރީގެ ހަގުރާމައެއް މިހާރު ވަނީ ފެށިފައެވެ. އަވަހަށް ނިމޭތަނެއް ނުފެނެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން ފުޅާވަމުން ދަނީއެވެ. ޗައިނާގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ނުވަތަ ޓެކްސް 104 ޕަސަންޓަށް ބޮޑުކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ދެއްވައިފައެވެ. މިހާރުވެސް 54 ޕަސެންޓްގެ ޓެރިފެއް އެބައޮތެވެ. އަނެއްކޮޅުން ޗައިނާއިން ބުނަނީ ކަމަކަށް ކަމެއް ކަމުގައެވެ. ފިޔަވަޅަކަށް ފިޔަވަޅެއް ކަމުގައެވެ. ކޮޅެއްގައި ޖެހެންދެން ފުކެއްވެސް ދޫކުރުމެއް ނެތްކަމުގައެވެ. ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި ގިނައީ ސްމާޓް ފޯނާއި ކޮމްޕިއުޓަރެވެ. ބެޓެރިޔާއި ކުޅޭ ސާމާނާއި ގޭމް ކޮންސޯލެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުން މިގޮތަށް އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ކަނޑި މަޅައިގަތީމާ މުޅި ދުނިޔޭގެ އިގްތިސާދަށް އެކަމުން ފޯރާނީ ކޮންކަހަލަ އަސަރުތަކެއް ބާވައެވެ.

ކަމުގެ ގެއްލުން އިހުސާސްކުރެވިގެން މައިތިރިކަން އިޚުތިޔާރުކުރާނީ ކޮންބައެއް ބާވައެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދެވެ. އެދެބާރުގެ މެދުގައި ބޮޑުވެގެންވާ ވިޔަފާރީގެ ހަގުރާމައެކެވެ. ކޮޅެއް މެދެއް ނުފެނެއެވެ. މިހާރުގެ ހާލަތަށް ރިއާޔަތްކުރާއިރު ޗައިނާއިން ދޫދިނުމަކީ ކައިރިގޮތެއް ކަމަކަށް ނުފެނެއެވެ. އެމެރިކާގެ އުފެއްދުންތަކަށް ޗައިނާއިން ތައާރަފުކުރި އައު ޓެރިފް އުވައިލާނެ ކަމަށް ގަބޫލެއްވެސް ނުކުރެވެއެވެ. އެހެން ހަދައިފިނަމަ އެމެރިކާގެ ކުރިމަތީގައިވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައިވެސް ޗައިނާގެ ނިކަމެތިކަން ހާމަވާނެއެވެ. އިންޗިއެއްހައިތަން ދޫކޮށްފިއްޔާ ކައިވަތެއްހައިތަން ދަމައިގަންނާނެޔޭ ބުނެވޭ އުސޫލުން އިތުރު ކަންކަމަށްވެސް އެމެރިކާއިން އެދެން ފަށައިފާނެއެވެ. ކަމަކަށްފަހު ކަމެކެވެ. ހުއްޓުމެއް ނޯންނާނެއެވެ. ޓެރިފުގެ ކުޅިވަރު ކުރިއަށް ނެރެގެން ވިޔަފާރީގެ މިހަގުރާމައެެއް ފެށީ ޗައިނާއަކުން ނޫނެވެ. އެމެރިކާއިންނެވެ.

އެހެންވީމާ ދޫދިނުމަކީ ޗައިނާގެ މަސްލަހަތާ މުޅިން އިދިކޮޅު ކަމެކެވެ. ޗައިނާއިން ކުރާނެ ކަމަށް ބެލެވޭ ކަމަކީ އެމެރިކާއިން އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް އެޅުމެވެ. އެމެރިކާގެ ރައީސް ޓްރަމްޕު މިކުޅިވަރު ހުއްޓާލަން ގަސްތުނުކުރާހައި ދުވަހަކު މިހަގުރާމަ ދާނީ ކުރިއަށެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ވިޔަފާރީގެ ނިޒާމު ގަޑުބަޑުވެ، ތަކެތީގެ އަގުއުފުލި، މީސްތަކުންނަށް އުފުލާންޖެހޭ ތަކުލީފުތައް ދާނީ އިތުރުވަމުންނެވެ. ދުނިޔޭގެ އިގްތިސާދަކީ މިހާރު އެއްބަޔަކު އަނެއްބަޔަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ އިގްތިސާދެކެވެ. ބަވަނަ ކުރުމުގެ ތެރެއިންނެވެ.

މިގޮތަށް މުޅިދުނިޔޭގެ އިގްތިސާދު ބައްޓަންވެފައިވަނިކޮށް ދުނިޔޭގެ ވިޔަފާރީގެ އެންމެ ބޮޑު ދެބާރު އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ޓެރިފުގެ ހަގުރާމައެއް ފެށީމާ މުޅި ދުނިޔެއަށް އޭގެ ލޮޅުންތައް ފޯރާނެއެވެ. ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރުކުރާނެޔޭ ބުނެވޭ އުސޫލުންނެވެ. ރައީސް ޓްރަމްޕު މިހަގުރާމައެއް ފެށީ ހަގީގަތުގައި ހަމައެކަނި ޗައިނާއާ ދެކޮޅަކަށް ނޫނެވެ. ގާތްގަޑަކަށް މުޅިދުނިޔެއާ ދެކޮޅަށެވެ. ޓްރަމްޕުގެ ޓެރިފް ލިސްޓުގައި ދުނިޔޭގެ ގިނައަދަދެއްގެ ގައުމުތައް ހިމެނޭއިރު މި ލިސްޓަށް ނާރައި ސަލާމަތްވެފައިވަނީ މިވަގުތު އެގާރަ ވަރަކަށް ގައުމެވެ. މިކަމެއް މިފެށުނީ މިޒާތުގެ ކަމަކަށް ދުނިޔެ ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެއް ނޫނެވެ. ހަމަކުއްލިއަކަށެވެ. ރައީސް ޓްރަމްޕުގެ ނިންމުންތައް މިއަންނަނީ ކުއްލިކުއްލިއަށެވެ. މާދަމައިން ފެށިގެން މިވެނި ގައުމެއްގެ އުފެއްދުންތަކުން ފަންސާސް ޕަސަންޓް ޓެކްސް ނަގާނަމޭ މިއަދު އިއުލާން ކުރައްވައިފާނެއެވެ.

އެހެންވީމާ މިބަދަލަށް ހޭނެން މާކެޓްތަކަށް ވަގުތެއް ނެތެވެ. ޓްރަމްޕުގެ ނިންމުންތައް އަމާޒުވާނީ ކޮންބަޔަކަށްކަން ލަފާކުރުންވެސް ފަސޭހައެއް ނޫނެވެ. އެހެނީ އޭނާގެ ވިޔަފާރި ހަގުރާމައިގައި ހަތުރެއް މިތުރެއް ވަކިކުރުމެއް ނެތެވެ. މީގެ މިސާލެއްގެ ގޮތުގައި ކެނެޑާ ނެގިދާނެއެވެ. ޔޫރަޕުގެ އިއްތިހާދުވެސް ނެގިދާނެއެވެ. އެފަރާތްތަކާ ދެކޮޅަށްވެސް ހަމަ މިޒާތުގެ ފިޔަވަޅުތަކެއް ޓްރަމްޕު ގެންދަނީ އަޅަމުންނެވެ. ޗައިނާގެ ވާހަކަ ބޮޑަށް ދެކެވެނީ އެމެރިކާ ފިޔަވައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަކީ ޗައިނާކަމަށްވާތީޔާއި ޓްރަމްޕުގެ ޓެކްސް ރޭޓް އެންމެ މަތިކޮށް އަދިއުޅެނީ ޗައިނާގެ އުފެއްދުންތަކަށް އަމާޒުކޮށްގެން ކަމަށްވާތީއެވެ. ޓެރިފުގެ ކަންކަމުގައި މިހާރު އުފެދުފައިވާ ނުތަނަވަސްކަން އިތުރަށް ސީރިއަސްވަމުންދާ ސަބަބުތަކެއްވެސް އެބަހުއްޓެވެ.

މިކަން ނިމޭއިރު ހަގީގީ ބިރުވެރި ކުރިމަތިލުމަކަށް ނުދާނެބާވައޭ ހީވާ ހިސާބުގައެވެ. އެމެރިކާގެ ނާއިބުރައީސް ޖޭޑީ ވޭންސް މިހަފުތާގައި ވަނީ ނަސްލީގޮތުންވެސް ޗައިނާއަށް ފުރައްސާރަކޮށްފައެވެ. ބުންޏެވެ. އެމެރިކާގެ ގިނަބަޔަކު ޗައިނާގެ ފަގީރުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން މިކުރާ ކަމަކީ ޗައިނާގެ ފަގީރުން އުފައްދާ ކޮލިޓީނެތް ދެރަ މުދާ ގަތުމެވެ. ކުރަން މިއުޅޭ ކަމަކީ މިއާދަ ހުއްޓުވައި ޗައިނާގެ އަސްލު ސައިޒަށް ތިރިކުރުމެވެ. ފަގީރު ކުރުމެވެ. އެމެރިކާގެ ދިފާއީވަޒީރު ބުންޏެވެ. ޗައިނާއަކީ ޕެނަމާ ކެނަލަށްވެސް އޮތް ބިރެކެވެ. ޗައިނާގެ އުޅަނދުތަކަށް ކެނަލް ބޭނުން ނުކުރެވޭގޮތްވެސް ހަދަންވީއެވެ. އެމެރިކާގެ ވެރިންގެ ބަސްމަގު މިފެންވަރަށް ވެއްޓުނީމާ ދެން ޗައިނާ މަޑުން އޮންނާނެ ބާވައެވެ. އޮވެވޭނެ ބާވައެވެ. ދޫދިނުމަކީ ޗައިނާއިން ކުރާނޭ އަދި ކުރެވޭނޭ ކަމެއް ކަމަށް ބަލަންވާނޭ ބާވައެވެ.