މާލޭ ސަރަހައްދުގައި އުޅަނދުތައް މަދުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ހަތަރުވަނަ ދައުރުގެ 189 ވަނަ ރަސްމީ އާއްމު ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އެންމެ ގިނައިން ބޭނުންކުރެވިދާނެ އުޅަނދުތަކުގެ އަދަދާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓަކީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ދިރާސާތަކެއް ކުރުމަށްފަހު އެކުލަވާލި ރިޕޯޓެކެވެ.
އާޒިމް ވިދާޅުވީ އެ ރިޕޯޓަކީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ނިމުނީ މިހާތަނަށް ކަމަށެވެ. އާޒިމް ވިދާޅުވީ އެ ރިޕޯޓަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން، ހުށަހަޅަން ބޭނުންވާ ކަމަށެވެ.
"މީގެ ބޭނުމަކީ ޕަބްލިކާ ވަރަށް ގުޅުންހުރި ކަމަކަށްވާތީއާ އެއްކޮށް ޕަބްލިކް ހިޔާލާ އެއްކޮށް މިވަރުގެ ބޮޑުކަމެއް ނިންމުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީވެ އަޅުގަނޑު މި ހުށަހަޅާލަނީ މީތި އަޅުގަނޑުމެން ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ފޮނުވާފަ އަދި ޕަބްލިކަށްވެސް ހުޅުވާލަން ދެ ހަފުތާ ވަންދެން ކޮމެންޓް ކުރުމަށް އެ މީހުން،" އާޒިމް ވިދާޅުވިއެވެ.
އެ ހުށަހެޅުން ފާސްވެއްޖެނަމަ މާދަމާ އެ ރިޕޯޓު ކައުންސިލްގެ ވެބްސައިޓަށް އާންމުކޮށް، އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށެވެ.
އާޒިމްގެ އެ ހުށަހެޅުން ކައުންސިލްގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ހުށަހެޅުން ފާސްވުމުން އާޒިމާ ވިދާޅުވީ މާދަމާ އެ ރިޕޯޓު، އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފް ފާތިހު ވިދާޅުވީ ރިޕޯޓުގައިވާ ގޮތުން މާލޭ ސަރަހައްދުގައި 199،572 އުޅަނދު ދުއްވާ ކަމަށާއި މާލޭ ސަރަހައްދަށް އެކަށީގެންވަނީ 89،000 އުޅަނދު ކަމަށެވެ.
ސައިފު ވިދާޅުވީ އެއީ 25 ޕަސަންޓަށް އުޅަނދު މަދުކުރުމުން ކަމަށާއި ކުއްލިއަކަށް އެފަދަ ނިންމުމެއް ނިންމައިފިނަމަ މާލޭގެ ޕަބްލިކް ޓްރާންސްޕޯޓަށް ބުރޫ އަރާނެ ކަމަށެވެ. އެހެންކަމުން ކުއްލިއަކަށް އެފަދަ ކަމެއް ކުރުމުގެ ބަދަލުގައި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށެވެ. އަދި ކައުންސިލްގެ މިހާރުގެ މެންބަރުންގެ ދައުރު ހަމަވުމުގެ ކުރިން އޭގެ ކޮންމެވެސް އެއް މަރުހަލާއެއްގެ މަސައްކަތެއް ފަށަންވާނެ ކަމަށް ސައިފު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ ސައިފު ފާހަގަކުރެއްވިހެން ރިޕޯޓް ތަންފީޒު ކުރެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އާޒިމް ވިދާޅުވީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ފަސް އަހަރުގެ ދުވަހުގެ ތަންފީޒީ ޕްލޭނެއް އޮތުންވެސް މުހިންމު ކަމަށެވެ.
މުހައްމަދު އިޝާން
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް