ފުޓުބޯޅައިގައި ފެވަރިޓުންނެއް ނޯންނާނެ ކަމަށާއި ޕީއެސްޖީއަކީ އެސްޓަން ވިލާ ކައިރީ ފެވަރިޓުން ނޫން ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޕީއެސްޖީ ކުޅޭ މެޗުގައި މިރޭ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އެ މެޗަށް ޕީއެސްޖީން ނުކުންނަނީ ގަދަ 16 ގައި ވަރުގަދަ ލިވަޕޫލް ކަޓުވާލާފައި އޮވެގެންނެވެ.

ލިވަޕޫލުން ސީޒަނުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން ދަނިކޮށް، ޕީއެސްޖީން ގަދަ 16 ގައި ލިވަޕޫލް ކަޓުވާލުންވީ ގިނަ ބަޔަކަށް ހައިރާކަން ލިބުނު ކަމަކަށެވެ.

އެ މެޗަށް އިޝާރާތްކޮށް އެންރިކޭ ބުނީ ގަދަ 16 އަށް ނުކުތްއިރުވެސް ޕީއެސްޖީ މޮޅުވާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެ ކަމަށާއި، ފުޓުބޯޅައިގައި ފެވަރިޓުންނެއް ނޯންނާނެ ކަމަށެވެ.

"ލިވަޕޫލާ ދެކޮޅަށް ގަދަ 16 އަށް ނުކުތްއިރު އެއްވެސް ބަޔަކު އުންމީދެއް ނުކުރާނެ ޕީއެސްޖީ އަނެއް ބުރަށް ދާނެ ކަމަކަށް. އެހެންވީމަ ޕީއެސްޖީއަކީ ވިލާއާ ދެކޮޅަށް ފެވަރިޓުންނެއްވެސް ނޫން. ފުޓުބޯޅައިގައި ފެވަރިޓުންނެއް ނުތިބޭނެ،" އެންރިކޭ ބުންޏެވެ.

ޕީއެސްޖީއާއެކު އެންރިކޭ މިހާރު ވަނީ މި ސީޒަނުގެ ފްރާންސް ލީގުވެސް ޔަގީން ކޮށްފައެވެ. އެންރިކޭ ބުނީ ވިލާއަކީ އެންމެ ވަރުގަދަކޮށް ކިޔާ ޓީމެއް ނޫން ނަމަވެސް، ލީގު ބުރުގައި އެޓީމުން ދެއްކި ކުޅުމާއެކު، ޕީއެސްޖީއަށް މެޗު ފަސޭހަކޮށްލަން އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

އެންރިކޭ ބުނީ ވިލާއިން ޖެނުއަރީ ޓްރާންސްފާ ސީޒަނުގައިވެސް ރަނގަޅު ޓްރާންސްފާތަކެއް ކޮށް، ޓީމު އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި، އެއްވެސް ޓީމަކަށް މިރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.